ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފަޒުލްގެ އިސްތިއުފާގެ ސިޓީ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވާފައެވެ. މި ސިޓީގައި ފަޒުލް ވިދާޅުވެފައިވަނީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދު އެކި ގޮތްގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ.

Ad
rt

ފަޒުލް އިތުރަށް ވިދާޅުވެފައިވަނީ، އޭނާ އެޗްޑީސީއަށް އައްޔަންކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުޢާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަޞްލަޙަތު އިސްކޮށްގެން ކުރެއްވި މުޢާމަލާތްތަކެއް ކަމަށެވެ.

"ބިންވެރިޔާ" ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި މި ތުހުމަތުތަކުގެ ޙަޤީޤަތް ވީ އެންމެ އަވަސް ފުރުޞަތެއްގައި ރައްޔިތުންނަށް ހާމަވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮތުމަށް ނޭދޭ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް އިސްތިއުފާ ދެއްވި ސަބަބުގެ ގޮތުގައި ވިދާޅުވެފައިވަނީ، "ބިންވެރިޔާ" ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤަށް ފުރުޞަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ރައީސް އޮފީހަށް ފޮނުވި ސިޓީގައި ފަޒުލް ވަނީ ސަރުކާރަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.