އދ. އޮމަދޫ ރައްޔިތުން އެދޭގޮތަށް އެރަށުގެ ތަރައްޤީގެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އޮމަދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، އެރަށުގައި ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މީގެ އިތުރުން އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޢަމަލީ ސިފައެއްގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ބަނދަރާއި، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ އަހަރުގެ ވީހާވެސް ކުރީކޮޅުގައި ފައްޓަވައިގެން، ކުރިއަށް ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
2025 ވަނަ އަހަރު ހިންގަން ކަނޑައަޅުއްވާފައިވާ އައު މަޝްރޫޢުތަކުގެ އުސޫލުގައި އިސްކަން ދެނިވި ތަރުތީބުން، އޮމަދޫގެ ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ އިތުރުން، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަޞީލަތްތަކާއި، ކުޅިވަރުގެ ރޮނގުން، 2025 ވަނަ އަހަރު، އަންހެން ބޭފުޅުންނަށް ޚާއްޞަ ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށާ، ފުޓުބޯޅަދަނޑުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!