ށ.އަތޮޅުގައި ބާއްވާ ޕަޑީ އޯޕަން ވޯޓަރ ޑައިވިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޯހަކީ ށ.އަތޮޅު ކައުންސިލާއި އެ އަތޮޅު ފުނަދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދަން ރާވާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ފުނަދޫގައެވެ.
މި ކޯހުގައި ޖުމްލަ 20 ބައިވެރިންނަށް ފުރުސަތުދޭން ނިންމާފައިވާއިރު، އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ކޮންމެ ރަށަކުން އެއް ބައިވެރިއަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށުން ބައިވެރިން ނެގުމަށް ނިންމާފައި ވަނީ ރަށު ކައުންސިލުގެ މަޝްވަރާއާއި އެކުއެވެ.
ކޯސް ފީގެ ގޮތުގައި ކޮންމެ ބައިވެރިއަކަށް 5092.59 ރުފިޔާ ދައްކަން ޖެހޭއިރު، ބައިވެރިންނަށް ލުއި ދިނުމުގެ ގޮތުން އެ ފައިސާ އަތޮޅު ކައުންސިލް ބަޖެޓުން ދެއްކުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
މި ކޯހުގައި ބައިވެރިވުމަށް ރަނގަޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާން ޖެހެއެވެ. ހާއްސަކޮށް ފުއްޕާމެޔާއި ގުޅުންހުރި ބަލިތަކުން ސަލާމަތްވެފައިވާ މީހަކަށް ވާންޖެހެއެވެ. ކޯހުން ފުރުސަތު ދޭން ނިންމާފައި ވަނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ރަނގަޅަށް ފަތަން އެނގެންޖެހެއެވެ.
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން، ބައިވެރިވުމަށް ފުރިހަމަ ކުރަންޖެހޭ އޮނަލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އަތޮޅު ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!