މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ވިދާޅުވެފައި ވަނީ، އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމަށެވެ.

މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއްކަމުގައި ރައީސް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް، މިއަދުން ފެށިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ އިންތިޒާމު ވަނީ ހަމަޖައްސައިދެއްވާފައެވެ.

މި އިންތިޒާމްގެ ތެރެއިން ފުރަތަމަ މިގޮތަށް ފައިސާ ޖަމާކޮށްދޭނީ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސްވެރިންނަށެވެ. އަދި އިސްލާމިކް ބޭންކްގައި އެކައުންޓް ހުޅުވާފައިވާ މަސްވެރިންނަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށްވާ ތެޔޮ ލިބުމުގައި ހުރި ދަތިކަމަށް ޙައްލު ހޯދައި ދިނުމުގެ ގޮތުން މިއަދުން ފެށިގެން 4 ރަށެއްގައި ހުންނަ އެސް.ޓީ.އޯގެ ނުވަތަ އެފް.އެސް.އެމްގެ ސައިޓުތަކުން "އެސްޓީއޯ ރޭޓް"ގައި އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަޤީންކަން، ރައީސް ވަނީ އިއްޔެ ދެއްވައިފައެވެ. އެއީ، ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ.ފެލިވަރު އަދި ސ. ހުޅުމީދޫއެވެ.

މީގެ އިތުރުން، ގއ. ކޫއްޑޫ އާއި ޅ.ފެލިވަރު ސަރަޙައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުންވެސް "އެސްޓީއޯ ރޭޓް"ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް އެސް.ޓީ.އޯއިން މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ.