އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އާދީއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއް ގޮތުގައި އިއްޔެ ކ. ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އެރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ގެދޮރުވެރިކަމަކީ މާލެ އާއި މާލެ އަތޮޅު ހިމެނޭ ސަރަޙައްދަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަން ވަނީ ފާހަގަކުރަށްވާފައެވެ. އެގޮތުން ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގިފައިވީ ނަމަވެސް އެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގައި ގެދޮރުވެރިކަމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމާއެކު، އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަމަށާއި އެއާއެކު ދެން އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ގިނަ ރަށްތަކެއްގެ މަގުތައް ވަނީ ހަލާކުވެފައިވާކަން ފާހަގަކުރައްވައި، މަގު ހެދުމަށް ސަރުކާރުން ތަރުތީބުކޮށްފައިވަނީ އެންމެ ފުރަތަަމަ ފެނާއި ނަރުދަމާ އަޅައި، އެއަށްފަހު މަގުތައް ހެދުމަށް ކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވިގޮތުގައި ފެނާއި ނަރުދަމާ އަޅާފައިވާ ރަށްތަކުގައި އިސްކަންދެއްވާނީ މަގުތައް ހެދުމަށެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ގޮތަށް، ގިނަ ރަށްތަކުގައި މައިމަގުތައް ހެދުމަށް އަންނަ އަހަރު އިސްކަންދެއްވާނެކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފައެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މުޢިއްޒު މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިކުރެއްވި ދަތުރުފުޅާއެކު މިހާތަނަށް އެމަނިކުފާނު ވަނީ ޖުމްލަ 185 ކައުންސިލަކާ ބައްދަލުކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.