ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާނަމަ ދެމެހެއްޓެނިވި ޙަޤީޤީ ތަރައްޤީ ލިބިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤައުމު ތަރައްޤީ ކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތާ އެކުގައި، އެކަންކަމުގެ ބައިވެރިވުމާ އެކީގައި، މިހެންހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައިވެސް ރައްޔިތުން އެހީތެރިކަން ދިނުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެވެ.
ރައްޔިތުންގެ އެހީތެރިކަމާއި، އެ އެއްބާރުލުމާ އެކީގައި، އެކުގައި މަސައްކަތްކުރާ ކަމުގައިވާނަމަ، ފެނިގެންދާނީ މި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުވެގެންދާ ތަންކަމުގައި ރައީސް ވިދާޅުވިއެވެ.
''އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި އިޚްލާޞްތެރިވުމަކީ. ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ މީހަކު ޤައުމާއި ރައްޔިތުންނަށް ޚިދުމަތެއް ކުރާނަމަ، ރައްޔިތުންނަށް ބޮޑުވެފައި ހުރި މިކަހަލަ ކަންކަން ޙައްލުކުރަން އުޅެންޖެހޭނެ. އަބަދުއަބަދު އެކަންކަމަކީ ދޫކޮށްލާފައި، ފަސޭހަކޮށްލެވިފައި ހުންނަ ކަންކަމަށް ވެއްޖިއްޔާ، ދުވަހަކުވެސް ޤައުމަށް ނާންނާނެ ޙަޤީޤީ ކުރިއެރުމެއް.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ޙަޤީޤީ ކުރިއެރުމަކީ ހަމައެކަނި ލޯކުރިމަތިން ފެންނަ އިމާރާތް އެކަނިނޫންކަމަށެވެ. އަދި ޙަޤީޤީ ކުރިއެރުމަކީ އެ އިމާރާތްވެސް އެޅިފައި، މުޖުތަމަޢުގެ ތެރޭގައި ހުރި ކަންކަމަށްވެސް ޙައްލުއައިސް، ފިކުރީގޮތުންވެސް ތަރައްޤީއައިސް، ބިނާކުރަނިވި މުޖުތަމަޢެއް، ފުދުންތެރި މުޖުތަމަޢެއް ޤާއިމުވެގެން ދިޔުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އެ ތަރައްޤީ ގެންނަން، ވަށައިޖެހޭ ޙަޤީޤީ މާނައިގެ ތަރައްޤީ ގެންނަން އަޅުގަނޑު ބޭނުންވަނީ. އަޅުގަނޑު ހިތުން ރައްޔިތުންވެސް ބޭނުންވާނީ އެގޮތް. ސިޔާސީ އޮއިވަރުގައި ނުޖެހި، ޤައުމީ ވިސްނުމެއްގައި، އަމިއްލަ ސިކުނޑިން ވިސްނައިގެން، އެންމެން އެކަތިގަނޑަކަށް ވެގެން، މިހިރަ މުހިންމު ކަންކަމުގައި އެކުގައި ކުރިއަށްދިޔުން. އޭރުން އަޅުގަނޑު ޔަޤީންކުރަނީ، އަޅުގަނޑުމެންގެ ޢާއިލާތަކަށް، އަޅުގަނޑުމެންގެ ރަށަށް، މުޖުތަމަޢަށް، ޤައުމަށް ލިބިގެންދާނީ ބިނާކުރުވަނިވި، ދެމެހެއްޓެނިވި ޙަޤީޤީ ތަރައްޤީކަން.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!