ވަޢުދުވެވަޑައިގަތްގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި މިއަދު ކ. ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިޤްތިޞާދީ މައްސަލައެއްގޮތުގައި ފާހަގަކުރަށްވާފައެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ޙައްޤުގައިކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލި ބޭރު ފައިސާއާއި ބެހޭ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރަށްވައި، އެ ބިލު ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނު ކުރިންވެސް ވިދާޅުވިގޮތަށް، ބަދަލެއް ނުގެނެސްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރައްވާނޭކަމަށް އުންމީދުކުރަށްވާކަމަށާއި، އަދި އެ ބިލު ފާސްވުމަކީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ބޭރުފައިސާއާއި ބެހޭ ބިލު މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައިދެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު، މެޖޯރިޓީ ލީޑަރު އިބްރާޙީމް ފަލާޙް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!