މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ވޭތުވި ސަރުކާރުތަކުގެ ހެޔޮ ނިޔަތް އޮތްކަމަކަށް ޤަބޫލެއްނުކުރެވޭކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

މި ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ، ރާއްޖޭގައި އިޖުތިމާއި ހުރިހާ މައްސަލައެއްގެ އަސްލަކީ މަސްތުވާތަކެތިކަން އެންމެން ޤަބޫލުކުރާ ކަމަށެވެ. އަދި މި ބޮޑުވަބާ މި ޤައުމަށް އައީ އަދަކު، މާދަމާއަކު ނޫންކަމަށް ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ، 1950 ވަނަ އަހަރު އަފިހުނާއި ހިސާބުން ފެށުނު މި މައްސަލަ މިއަދު ވަނީ ޕާޓީ ޑްރަގާއި ހަމައަށް ގޮސްފައިކަމަށާއި، މަސްތުވާތަކެތި އީޖާދު ކުރާމީހުން އަހަރުން އަހަރަށް ތަފާތު ބާވަތްތައް އީޖާދުކުރަމުންދާ ކަމަށެވެ. އަދި މި ވަބާއިން ސަލާމަތްވުމަށް ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤް ފުޅާކުރާތަން ފެންނަކަމަށް ވެސް ވިދާޅުވިއެވެ.

''އެހެންނަމަވެސް ވިސްނާލަންޖެހޭ މި ބޮޑު ޤައުމީ މައްސަލަ ހައްލުކުރުމުގެ ނިޔަތް އޮތީ ކޮން ސަރުކާރެއްގައިތޯ، 1959 ވަނަ އަހަރު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގައި ހޯދުންތަކުން އެނގޭ ގޮތުގައި މި މައްސަލާގެ ފެށުން އައީ، އެހެންނަމަވެސް ރައީސް މައުމޫންގެ ސަރުކާރުގައި އެކަނި ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ސްކޭން މެޝިނެއް ބެހެއްޓުނީ، މިއަދާއި ހަމައަށް ކަނޑުގެ ގޭޓުގައި މަސްތުވާތަކެތި ދެނެގަންނާނެ ސްކޭނަރެއް ބެހެއްޓިފައެއްނުވޭ، އެހެންވެ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މި މައްސަލަ ނިންމުމުގެ ހެޔޮ ނިޔަތް އޮތްކަމަށް އަޅުގަނޑު ޤަބޫލެއްނުކުރަން،'' ޝުޖާއު ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުން ކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކަށް ދަތުރުކުރާއިރު ވަންނަ ހުރިހާ ގޭޓްތަކަކުން 360 ޑިގްރީއަށް މީހާ ސްކޭން ކުރެވޭ ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގައި ''މިއުޅެނީ އެއާޕޯޓުގައި މީހާ ސްކޭންކުރެވޭ ވަރުގެ މެޝިނެއް ނުބެހެއްޓިގެން'' ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

''މި ވޭތުދިޔަ ހުރިހާ ސަރުކާރުން ކަންކުރީ މިހެން، އެމްޕީއެލް ޕޯޓުގައި ކޮންޓޭނާ ސްކޭންކޮށްލެވޭނެ މެޝިނެއްނެތި ރަސްރަސްކަލުން ފެށިގެން މިއަދާއި ހަމައަށް ވޭތުވެގެން ދިޔައީ، ކޮން ރައީސެއްތޯއޭ ހެޔޮނިޔަތުގައި މިކަން ހައްލުކުރަން މަސައްކަތްކުރީ، އެހެންވުމުގެ ސަބަބުން ޢާއިލާތައް ބިކަވެގެން ގޮސްފައިއޮތްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ،'' ޝުޖާއު ވިދާޅުވެފަވެއެވެ.

ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒު މިއަދު އިސްކަންދެއްވަނީ ކަނޑުމަގުން ރާއްޖެ އެތެރެވާ ހުރިހާ ކޮންޓޭނާއެއް ސްކޭން ކުރެވޭނެ ސިސްޓަމް އެމްޕީއެލްގައި ގާއިމުކުރަން ކަމަށެވެ. އެއީ 2 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމެއްކަމަށާއި، ނަމަވެސް މިވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކުރުމަށް އެއަށްވުރެ ބޮޑަށް އެއްޗެއް ދައުލަތަށް ޚަރަދުކުރަންޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

''އެމްޕީއެލްގެ ސީއީއޯ އާއި މި ސަރުކާރުން ދަނީ ސްކޭނަރ ބެހެއްޓުމުގެ މަސައްކަތްކުރަމުން، އެއީ މި މައްސަލައިގެ ހައްލު'' ޝުޖާޢު ވިދާޅުވެފަވެއެވެ.

ސަރުކާރުގެ ފަރާތުން، މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗަށް އިސްލާހް ގެނައުމުގެ ބިލު މިއަދު ވަނީ މަޖިލީހުން ބަލައިގަނެ ކޮމެޓީ އަށް ފޮނުވާފައެވެ.