ދުނިޔޭގެ އެންމެބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އިންޑޮނޭޝިއާގައި 1 ބިލިއަން ޑޮލަރުގެ މެނުފެކްޗަރިންގ ޕްލާންޓެއް ޤާއިމްކުރަން ނިންމައިފިކަމަށް އެ ޤައުމުގެ އިންވެސްޓްމަންޓް މިނިސްޓަރު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރޯސަން ރޫސްލާނީ ވިދާޅުވި ގޮތުގައި މި ޕްލާންޓުން ސްމާޓްފޯނުތަކާއި އެހެނިހެން އުފެއްދުންތަކުގެ ބައިތައް އުފައްދާނެއެވެ. ނަމަވެސް މި އިންވެސްޓްމަންޓާ ގުޅޭ ތަފްސީލުތައް އަދި މުޅިން ހާމައެއް ނުކުރެއެވެ.

Ad
rt

މިއީ އިންޑޮނޭޝިއާ ސަރުކާރުން އައިފޯން 16 ވިއްކުން މަނާކުރުމަށްފަހު އެޕަލްއިން އަޅާ ފިޔަވަޅެކެވެ. އިންޑޮނޭޝިއާގެ ޤާނޫނުގައިވާ ގޮތުން އެ ޤައުމުގައި ވިއްކޭ ފޯނުތަކުގެ މަދުވެގެން 40 އިންސައްތަ ބައިތައް އުފައްދަންޖެހެނީ އެ ޤައުމުގައެވެ.

މީގެ ކުރިން އެޕަލްއިން ހުށަހެޅި 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްރޮޕޯސަލެއް އިންޑޮނޭޝިއާ ސަރުކާރުން ވަނީ ބަލައިނުގަނެ ރައްދުކޮށްފައެވެ. އެ ޕްރޮޕޯސަލަކީ އައިފޯން 16 ވިއްކުން ހުއްދަކުރުމަށް އެކަށީގެންވާ ވަރުގެ އިންވެސްޓްމަންޓެއް ނޫންކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިހާތަނަށް އިންޑޮނޭޝިއާގައި އެޕަލްގެ އެއްވެސް މެނުފެކްޗަރިންގ ފެސިލިޓީއެއް ނެތެވެ. ނަމަވެސް 2018 އިން ފެށިގެން އެޕްލިކޭޝަން ޑިވެލޮޕަރުން ތަމްރީނުކުރުމަށް އެކަޑަމީތަކެއް ޤާއިމްކޮށްފައިވެއެވެ.

މި އިންވެސްޓްމަންޓާ ގުޅޭގޮތުން އެޕަލްއިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.