ދެކުނު ކޮރެއާގެ ދިފާޢީ ވަޒީރު ކިމް ޔޮންގް-ހިއުން އެ ގައުމުގައި އިޢުލާނުކުރެވުނު މާޝަލް ލޯ (އަސްކަރީ ގާނޫނު) އާ ގުޅިގެން ޒިންމާ ނަންގަވައި، އިސްތިއުފާ ދެއްވާނެކަމަށް އިޢުލާނުކުރައްވައިފިއެވެ.

އެގައުމުގެ ރައީސް ޔޫން ސުކް ޔެއޮލް ބުދަ ދުވަހު ވަނީ ކުއްލިއަކަށް މާޝަލް ލޯ އިޢުލާނުކުރައްވާފައެވެ. މިކަމަށް ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ "އުތުރު ކޮރެއާއަށް ތާއީދުކުރާ ބާރުތަކުން" ކުރިމަތިވެފައިވާ ނުރައްކަލެއްގެ ސަބަބުން ކަމަށެވެ. އަދި ޕާލިމަންޓުގައި މެޖޯރިޓީ އޮތް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއިން "ދައުލަތާ ދެކޮޅު ޙަރަކާތްތަކުން" ސަރުކާރު ހުއްޓުވާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

Ad
rt

ނަމަވެސް، އޭގެ ގަޑިއިރުތަކެއް ފަހުން، ރައީސް ވަނީ ޕާލިމަންޓުން އެ ނިންމުމާ ދެކޮޅަށް އިއްތިފާޤުން ވޯޓުދިނުމާ ގުޅިގެން، ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެންނަވާނެކަމަށް އިޢުލާނުކުރައްވާފައެވެ.

ބުދަ ދުވަހު މީޑިއާއާ ހިއްސާކުރެއްވި މެސެޖެއްގައި، ދިފާޢީ ވަޒީރު ކިމް ވިދާޅުވެފައިވަނީ "ކުއްލި ނުރައްކަލުގެ މާޝަލް ލޯގެ ސަބަބުން ދިމާވި ހުރިހާ ހަމަނުޖެހުމަކަށް ޒިންމާ ނަގާކަމަށާއި، މިކަމުން ރައްޔިތުންނަށް ދިމާވި ކަންބޮޑުވުމާއި އޮޅުންތަކަށް މަޢާފަށް އެދޭ" ކަމަށެވެ.

"މާޝަލް ލޯއާ ގުޅުންހުރި ހުރިހާ ކަމަކަށް އަޅުގަނޑު ޒިންމާ ނަގަން. އަދި ރައީސަށް އަޅުގަނޑުގެ އިސްތިއުފާ ހުށަހަޅައިފިން،" ކިމް ވިދާޅުވިއެވެ.

ޔޮންހަޕް ނިއުސް އޭޖެންސީގެ ރިޕޯޓުގައިވާ ގޮތުން، ރައީސް ޔޫން ސުކް ޔެއޮލްއަށް މާޝަލް ލޯ އިޢުލާނުކުރުމަށް ލަފާ އެރުވި ފަރާތަކީ ކިމް ކަމަށް ޤަބޫލުކުރެވެއެވެ.

އޭނާގެ މެސެޖުގައި، ކިމް ވަނީ މާޝަލް ލޯ ތަންފީޒުކުރުމުގައި ބައިވެރިވި ހުރިހާ ސިފައިންނަކީވެސް އެމީހުންގެ ވާޖިބު އަދާކުރަމުން، ވަޒީރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރި ބައެއްކަން ފާހަގަކުރައްވާފައެވެ.