އަންނަ ޖެނުއަރީގައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ދެއްކެވިވާހަކާގައި ވަޒީރު ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ ޖެނުއަރީމަހު ބޭނުންކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވިގޮތުގައި ސަރުކާރުން މޯލްޑިވިއަން ފައިދާގައި ހިންގުމަށް އިސްކަންދެއެވެ. އަދި މި ސަރުކާރުގެ މަސައްކަތުން މޯލްޑިވިއަންގެ ގެއްލުން ކުޑަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
އެއަރބަސް އޭ330-200 ވައިޑް-ބޮޑީ މަތިންދާބޯޓެއް މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެކަމަށް ވިދާޅުވެ، ވަޒީރު ވަނީ ރާއްޖެއަކީ ބޭރު އެއަރލައިންތަކުގެ މެދުގައި މަޤްބޫލް މަންޒިލެއްކަން ފާހަގަކުރަށްވާފައެވެ. އަދި ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރާތީ، ޤައުމީ އެއަރލައިންއަށްވެސް ފަތުރުވެރިން ގެނެވޭނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ވަނީ އަންނަ އަހަރު މެދުތެރޭ މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް އިތުރުކޮށް، އަދަދު ދެ އަކަށް އިތުރުކުރެވޭނެކަމަށް އުންމީދުކުރަށްވާ ވާހަކަ ވެސް ވިދާޅުވެފައެވެ.
މޯލްޑިވިއަނުން ގެންނަ ވައިޑް-ބޮޑީ މަތިންދާބޯޓު ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށާއި، ފަހުން ޔޫރަޕާއި ސައުތު އެފްރިކާއަށް ދަތުރުފުޅާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ގެންނަ ބޯޓަކީ 3 ކުލާސް ހިމެނޭ 264 ގޮނޑީގެ މަތިންދާބޯޓެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!