ޗައިނާއިން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ބުނީ، ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށާފައިވާ ކަމަށެވެ.
މި ހަރަކާތަކީ އްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓުއަރިސްޓް ޕޮލިހުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާ އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ވެސް އެހީތެރިކަމާއެކު ކުރިއަށް ގެންދާ މިހަރާކާތުގެ ތެރެއިން ޗައިނާގެ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް އައުމާއެކު އެފަތުރުވެރިންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައާއި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން ފުލުހުން އަންނަނީ މަޢުލޫމާތު ފޯރުކޮށްދެމުންނެވެ.
މި ހަރަކާތުގެ ތެރެއިން މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފަތުރުވެރިން ރާއްޖޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި އެމަރޖެންސީ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިމެނޭ، ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ލީފްލެޓް ފަތުރުވެރިންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ޗައިނާ އަކީ ރާއްޖޭގެ އެއްވަނަ ފަތުރުވެރިކަމުގެ މާކެޓެވެ. ކޯވިޑް ބަލިމަޑުކަމަށްފަހު އަލުން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމާއެކު އެ ޤައުމު އަލުން ވަނީ އެ މަގާމު ހޯދާފައެވެ. ރާއްޖެއަށް މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 1.8 މިލިއަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއްވަނަ މަގާމުގައި އޮތް ޗައިނާއިން 248،500 ފަތުރުވެރިން ޒިޔާރަތްކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!