އޭ ލޮބުވެތި އުޚުތާއެވެ! ތިބާއަށް އަދި ކިހާދުވަހަކު މިދުނިޔޭގައި އުޅެވޭނެހެއްޔެވެ؟ ވިހިއަހަރު ހެއްޔެވެ؟ ސާޅީސް އަހަރު ހެއްޔެވެ؟ ނުވަތަ ފަސްދޮޅަސް އަހަރު ހެއްޔެވެ؟ ތިބާ މާދަމާ ވެސް ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް އެބައޮތް ހެއްޔެވެ؟ ހަމަ މިވަގުތުވެސް ތިބާގެ ގާތަށް މަރު އައިސްދާނޭކަން ދަންނާށެވެ! މަރުން ސަލާމަތްވުމަށްޓަކައި ތިބާއަށް އެއްވެސް ގަދަކަމެއް ދެއްކިދާނެ ހެއްޔެވެ؟
މަރަށްފަހު ދެން އޮތީ ކައްވަޅެވެ. އޭގެ ބަނޑުތެރެއަށް ތިބާ ދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ތިބާގެ ޙަޤީޤީ ތަންމައްޗެވެ. އެތަނުގައި ވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. އޮންނަންޖެހޭނީ އަލިކަމެއްނެތި ކަނު އަނދިރީގައެވެ. އެކަނިވެރިކަމާއި ފޫހިކަމުގައެވެ. އެކީ އުޅުނު ލޯބިވާ އެންމެން ތިބާ އެކަނިކޮށްލާފައި ދާނެ އެވެ. ކައްވަޅުގައި ތިބާގެ އެކުވެރިންކަމުގައި ވާނީ ފުޅަތަކެވެ. އެތަކެތި ތިބާގެ ޗާލު މޫނާއި އަސަރުގަދަ ދެލޮލާއި ރީތި ކޯތާފަތާއި އަދި ތި ލޫޅާފަތި ހަށިގަނޑު ކައި ހުސްކޮށްލާނެ އެވެ. ސެންޓާއި އަތަރުގެ ސަބަބުން މީރުވަސް ދުވި ތިޔަ ހަށިގަނޑުން ދުވާނީ ކުނި ވަހެވެ.
އޭ އުޚްތާއެވެ! އަދި ކައްވަޅުގެ ވޭނީ ޢަޛާބު މާގަދަފަދަ ވެގެންވެއެވެ. ތިބާގެ ދަށުގައި އަލިފާން ރޯކުރެވޭނެ އެވެ. ކައްވަޅު ތިބާއާއެކު ފިއްތާލެވޭނެ އެވެ. އަދި ބިރުވެރި ބިޔަ ނާގަ ހަރުފަތައް ތިބާގެ މައްޗަށް ފާކުރެވޭނެ އެވެ. އަދިވެސް އެތަކެއް ވޭނީ ޢަޛާބުތަކެވެ.
އެއައްފަހު ދެން އޮތީ އެންމެ ގަދަފަދަ ވެގެންވާ ވޭނީ ޢަޛާބެވެ. ވޭނުން ފުރިގެންވާ ނަރަކައިގެ ޢަޛާބެވެ. އެތާގެ ބިމާއި ފާރުތަކާއި ހެދުމާއި ތަންމަތި އަލިފާނުންވާ ނަރަކައެވެ. މިދުނިޔޭގެ އަލިފާނުގައި އެންމެ ހިނދު ކޮޅަކަށްވެސް ކެތް ކުރެވޭނެ ހެއްޔެވެ؟ އަދި އެނަރަކައިގެ އަލިފާނަކީ ދުނިޔޭގެ އަލިފާނުގެ ފަސްދޮޅަސް ނުވަ ގުނަ ހޫނު އަލިފާނެކެވެ. ލޮބުވެތި އުޚުތާއެވެ! ވިސްނާ ފިކުރު ކޮށްލަބަލާށެވެ. އަދި އެނަރަކައިގެ ކެއުމަކަށް ވާނީ ނުބައިވެގެންވީ ޒައްޤޫމެވެ. ބުއިމަކަށް އެދިއްޖެނަމަ ދެނީ ހޫނުކަން އިންތިހާއަށް ގޮސްފައިވާ ފެނާއި ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ދޮހާއި ފާދިޔައެވެ. އެތާގައި ކަރުހިއްކުން ފިލުމެއް ބަޑުހައިކަން ފިލުމެއް ނުވެއެވެ. އުފަލެއް އަރާމެއް ހިތްހަމަ ޖެހުމެއް ނުވެއެވެ.
އޭ އުޚުތާއެވެ! ދުނިޔެމަތީގައި ތިމާގެ ހަވާނަފްސަށް އަޅުވެތިވެގެން އުޅޭ ކޮންމެ މީހެއްގެ އާޚިރަތުގެ ދާއިމީ ގޮވައްޗަކީ މިބަޔާންކުރެވުނު ނުބައިވެގެންވާ ގޮވައްޗެވެ. އެތަނުގައި މަރެއްވެސް ނުވާނެއެވެ. އަދި ނުވެސް ދިރޭނެއެވެ. އުޚުތާއެވެ! ތިބާއެތަނުގައި ވާމަންޒަރު ތަޞައްވަރު ކޮށްލައްވާ ނިކަން ބައްލަވާށެވެ. ދެން އެއައްފަހު އަމިއްލަ ނަފްސާ ސުވާލު ކޮށްލައްވަ ބައްލަވާށެވެ.” އަހަރެންނަށް ނަރަކައިގެ އެދާއިމީ ގޮވަތީގައި ކެތްކުރެވޭނެ ހެއްޔެވެ؟“
އޭ އުޚުތާއެވެ! މަތިވެރި ﷲ ގެ ރުހުން ލިބިގެން މެނުވީ އާޚިރަތުގެ ގޮވަތީގައި ކާމިޔާބެއް ނުލިބޭނެއެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން މަތިވެރި ﷲ ގެ ޙަޟުރަތައް ތައުބާވެ ރުޖޫޢަވާށެވެ. އަދި ތިބާގެ ދިރިއުޅުމުގެ މަޤުޞަދަކީ ﷲގެ ރުއްސެވުން ހޯދުންކަމުގައި ހަދާށެވެ. މިފަނާވަނިވި ދުނިޔޭގައި ތިބާއަކީ ދަތުރުވެރިއެއް ނުވަތަ ބީރައްޓެއްސެއް ކަމުގައި ވާށެވެ. އޭރުން ހަމަކަށަވަރުން ވެސް ތިބާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިވާނެ އެވެ. އަޅުގަނޑުގެ ދުޢާއަކީ: ޔާ ﷲ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ ނަރަކައިގެ ޢަޛާބުން އަޅަމެން މިންޖު ކޮއްދެއްވާފާނދޭވެ! އާމީން.
ލިއުނީ: ބިންތު ޢަބްދު ﷲ (جزاها الله خيرا)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!