ކެނެޑާގެ ބޮޑެތި ފަސް މީޑިއާ ކުންފުންޏަކުން ޗެޓްޖީޕީޓީގެ ވެރިފަރާތް ކަމުގައިވާ އޯޕަންއޭއައި އާ ދެކޮޅަށް ޝަރުޢީ ދަޢުވާއެއް އުފުލައިފިއެވެ. މި ދަޢުވާގައި އޯޕަންއޭއައި އިން ކޮޕީރައިޓް އަދި އޮންލައިން ބޭނުންކުރުމުގެ ޝަރުތުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެފައިވެއެވެ.
ހުކުރު ދުވަހު މި ދަޢުވާ އުފުލީ ޓޯސްޓާ، ޕޯސްޓްމީޑިއާ، ދަ ގްލޯބް އެންޑް މެއިލް، ދަ ކެނޭޑިއަން ޕްރެސް، އަދި ސީބީސީ/ރޭޑިއޯ-ކެނެޑާ އިންނެވެ. މި ކުންފުނިތަކުން ބުނެފައިވަނީ އޯޕަންއޭއައި އިން މީޑިއާތަކުގެ ގިނަ މިންވަރެއްގެ ކޮންޓެންޓް ހުއްދައަކާ ނުލައި އަދި އޭގެ ވެރިފަރާތްތަކަށް ބަދަލު ނުދީ ބޭނުންކުރަމުންދާ ކަމަށެވެ.
މި މީޑިއާ ކުންފުނިތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ނޫސްވެރިކަމަކީ އާންމު މަސްލަހަތު ހިމެނޭ ކަމެކެވެ. އެހެން ކުންފުނިތަކުގެ ނޫސްވެރިކަން އޯޕަންއޭއައި އިން އެމީހުންގެ ވިޔަފާރި ފައިދާއަށް ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެއީ ޤާނޫނާ ޚިލާފު ކަމެކެވެ."
މައިކްރޯސޮފްޓްގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ އޯޕަންއޭއައި އަށް މިއީ ފަހަކަށް އައިސް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމެވެ. މީގެ ކުރިން މި މަހުގެ ތެރޭގައި ބިލިއަނަރު އެލޮން މަސްކް ވެސް ވަނީ އޯޕަންއޭއައި އާ ދެކޮޅަށް އުފުލާފައިވާ ދަޢުވާއެއް ފުޅާކޮށްފައެވެ. އޭނާގެ ދަޢުވާގައި ބުނެފައިވަނީ މައިކްރޯސޮފްޓް އަދި އޯޕަންއޭއައި އިން ޤާނޫނާ ޚިލާފަށް ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސްގެ މާކެޓް އަތުލަން މަސައްކަތްކުރަމުންދާ ކަމަށާއި، ވާދަވެރިން އެއްކިބާކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!