މަކަރާއި ހީލަތުން ފައިސާ ހޯދި ތިން މައްސަލައެއް ބަލަމުން އަންނަކަމަށާއި، އެފަދަ މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުމެއް އަދި ތުހުމަތުކުރެވޭ ކަމެއް ވެސް ނެތް ފާހަގަކުރެވިފައިނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ 26 ނޮވެމްބަރު 2024 ގައި އެ ޚިދުމަތަށް ހުށަހެޅި މަކަރާއި ހީލަތުގެ މައްސަލައަކާއި ފުލުހަކާއި ގުޅުވައިގެން ފަތުރާ ވާހަކައާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ މައްސަލާގައި މީސްމީޑިއާގައި ދައުރުކުރަމުންދާ ޕޯސްޓެއްގައި ވަނީ ފުލުހެއްގެ މައްޗަށް ތުހުމަތުކޮށްފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ދަންނަ މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފަވެއެވެ.
އެ މައްސަލަ ހުށަހެޅުމާއެކު ތަހުގީގުފަށައި، ތަހުގީގު ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ވައިބާ އެކައުންޓް ރިކަވާކޮށް، އެ އެކައުންޓްގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެ އެކައުންޓް ގެނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ 10،100 ރުފިޔާ، އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި، އެ ފައިސާގެ ތެރެއިން 5،600 ރުފިޔާ، ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
''މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތު ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައެއްނުވޭ،'' ފުލުހުން ބުނެފަވެއެވެ.
އެ މައްސަލާގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުންކުރި އެއް ބޭންކު އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކު އެކައުންޓްކަމަށް ވީނަމަވެސް އެ އެކައުންޓަކީ އެ އަންހެން މީހާގެ އީމެއިލްއާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ވަނީ ތަހުގީގަށް ފާހަގަކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.
''މި މައްސަލައިގެ ތަހުގީގުގެ އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން މިކަމުގައި ފާހަގަކުރެވިއްޖެނަމަ އެ ފުލުހެއްގެ މައްސަލަ ބަލާނެވާހަކަ ދަންނަވަން'' ފުލުހުންގެ ބަޔާނުގަވެއެވެ.
އެ މައްސަލަ މިހާރު ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމްއިން ތަހުގީގުކުރަމުން އަންނައިރު، އެ މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ޚިދުމަތުގެ ނަން ކިލަނބުވާ ގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ފެތުރުމަކީ ކަންބޮޑުވާ ކަމެކެވެ. އަދި އެގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!