އިސްރާއީލަށް ވާގިވެރިވާ ދުނިޔޭގެ ގައުމުތަކުން އިސްރާއީލާއި ދެކޮޅަށް ސިޔާސީ، އިގްތިސާދީ ބާރުގެ ބޭނުންކޮށް، ހަތިޔާރުވިއްކުން ހުއްޓާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުނިޔެއަށް މިއަދު ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވައިލެއްވީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖުގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި، ޢަދުލުއިންޞާފާއި ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަންދެއްވައި އެކަން ވަނީ ތަކުރާރުކުރަށްވާފައެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މިއަދާހަމައަށްވެސް ފަލަސްޠީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، ގެދޮރު ގެއްލުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ބަރުދާސްކުރަމުންގެންދާ ބޭއިންސާފާއި އަނިޔާވެރިކަމާއި، ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ ޢަޒުމް ވަރުގަދަވެ، އަދި އެ ޢަޒުމު އައުކޮށްދޭ ދުވަހެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި، އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް ދުނިޔޭގެ ގައުމުތަކަށް ވަނީ ގޮވާލަށްވާފައެވެ. އަދި ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، އެޤައުމެއްގެ ސިޔާސީ ވިސްނުމާއި އިޤްތިޞާދީ ބާރުގެ ބޭނުންހިފުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

ފަލަސްޠީނުގެ ރެފިއުޖީންގެ ޙައްޤުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ޤައުމުތަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާއި، އިންސާނީ އެހީގެ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ޖަރީމާތަކާއި، އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އެ ލާއިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންކަމަށާއި، އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ޙަމަލާއެއްކަމުގައި ރައީސްގެ މެސެޖުގައި ސިފަކުރައްވާފައިވެއެވެ.

ރައީސް ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަމުގައި ރާއްޖެއިން ގަބޫލުކުރާކަމަށެވެ. މީގެއިތުރުން ފަލަސްޠީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ އަޅުގަނޑުމެންގެ އަމިއްލަކަމެއްގެ ގޮތުގައި ދިވެހީން ގަބޫލުކޮށް ބަލައިގަންނަކަމީ ދެބަސްވެވެންނެތް ކަމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޢަދުލުއިންޞާފާއި، މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ފަހަތަށްނުޖެހި، ދިވެހީން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

މިމައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަން ރާއްޖެއިން ކުރާ ވަކާލާތުވެސް ރައީސްގެ މެސެޖުގައި ވަނީ ތަކުރާރުކުރަށްވާފައެވެ.