ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ 21 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި އެ އަތޮޅު ތެރެއިން ތިން ޓީމަކަށެވެ.

Ad
rt

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 އަހަރުން ދަށުގެ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، އެ ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑާމީތަކާއި އަމިއްލަ އިސްނެގުމުގެ މަތީން ކުޅުންތެރިން އަދި ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.

މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ ޑިސެމްބަރ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.

މި މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިއީ މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ.