ހދ. ނޮޅިވަރަމުގައި ދީނީ އިޖުތިމާއީ ހަރަކާތްތައް ހިންގާ ޖަމިއްޔަތުއްރިސާލާ އާއި ނޮޅިވަރަމް ކައުންސިލާ ގުޅިގެން އިންތިޒާމުކުރާ "ބުސްތާން" އިވެންޓް މި ހަފްތާބަންދުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި އިވެންޓްގައި ޑރ. އާދަމް ޝަމީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޖަމިއްޔާއިން އިއުލާނުކޮށްފައިވެއެވެ.

Ad
rt

އިވެންޓްގެ ފުރަތަމަ ދުވަސް ކަމުގައިވާ ހުކުރު ދުވަހުގެ ހެނދުނު ޝައިޚާއެކު ނާސްތާ ބޭއްވުމަށްފަހު، ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިސިޕްލިން އާއި ކުޅިވަރު ކުޅުމުގައި ގެންގުޅެންޖެހޭ އިސްލާމީ އުސޫލުތައް އުނގަންނައިދޭ ޕްރޮގްރާމެއް ހިންގޭނެއެވެ. މި ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ކުއްޖަކަށް ބައިސްކަލެއް ހަދިޔާ ކުރެވޭނެއެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ ޝައިޚް އާދަމް ޝަމީމެވެ. މެންދުރުފަހު 2:00 ގައި "ކޮފީ ވިތް ޝައިޚް" ނަމުގައި އިވެންޓެއް ކުރިއަށްދާނެއެވެ. މި އިވެންޓްގައި ބައިވެރިންނަށް ޝައިޚާ ސުވާލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހުކުރު ދުވަހުގެ ރޭ 8:30 ގައި ނޮޅިވަރަމު ބަނދަރުގައި "އަޖަލު މާ ގާތޭ އިނގޭ" މައުޟޫއަށް ޑރ. އާދަމް ޝަމީމްގެ ބޮޑު ދަރުހެއް ކުރިއަށްދާނެއެވެ. މި ދަރުހުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ސްމާޓްފޯނެއް ހަދިޔާ ކުރެވޭނެއެވެ. އަދި މި ދަރުސް ދާރިސް ޓީވީއިން ލައިވްކޮށް ފޮނުވާނެ ކަމަށްވެސް ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ކައިރި ރަށްރަށުން އެކަށީގެންވާ ތަރުހީބެއް ލިބޭނަަމަ ދަރުހަށް ވަޑައިގަތުމަށް ފެރީ ދަތުރުތަކެއް އިންތިޒާމު ކުރުމަށް ރޭވިފައިވާ ކަމަށްވެސް ޖަމިއްޔާއިން އިތުރަށް މަޢުލޫމާތު ދީފައިވެއެވެ.

ހޮނިހިރު ދުވަހު ނޮޅިވަރަމް ސްކޫލުގެ ދަރިވަރުންނަށް ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގައި ނަމާދުގެ މުހިންމުކަމާއި، ރަނގަޅަށް ނަމާދުކުރަން ދަސްކޮށްދިނުމަށް އަމާޒުކުރެވިގެންދާނެއެވެ.

މި އިވެންޓްގެ މަޤްޞަދަކީ ރަށުގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކޮށް، ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤާއި އާދަކާދަ ދިރުވައި އާލާކުރުމެވެ.