މިދިޔަ 2023 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީ އައްބާސް ޝަރީފް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓް އެސިސްޓެންސް އެންޑް ޓްރެއިނިނިގް (އޯ.ޕީ.ޑީ.އޭ.ޓީ) އިން މިމަހުގެ 17 އިން 21 އަށް ކްރޮސްރޯޑްސްގައި ބޭއްވި "ސައުތް އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް" ފައްޓަވައިދެއްވައި ދެއްކެވި ވާހަކާގައެވެ.
ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވިގޮތުގައި މިހާރު ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައްކަމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ 17 ދަޢުވާ ކޯޓަށް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 190 ދަޢުވާ މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކުރި ދަޢުވާތަކާ އަޅާ ބަލާއިރު 112.5 އިންސައްތަ އިތުރުވުމެއްކަމަށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ދަޢުވާކުރެވިފައިވާ ނިސްބަތް 14 އިންސައްތަ އިތުރުވެފައިވާކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
"މިކަމުން ދައްކުވައިދެނީ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި މިކަން ތަންފީޛްކުރުމަށް މަސައްކަތްކުރާ އެންމެހައި އިދާރާތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން." ޕީޖީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!