ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދާ ހާޝިމް އަބޫބަކުރު/ހއ. ހޯރަފުށި، އަންދަލީބުގެ (57އ)ގެ ބަލިހާލު ހުރިގޮތުން މިވަގުތު ހުރީ ވަގުތީގޮތުން ގޭބަންދުގައި ބެހެއްޓިފައިކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން ބުނެފިއެވެ.
ހާޝިމަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ.
އޭނާ އަށް މައާފްދީ ދޫކޮށްލާފައިވާކަމަށް މީސްމީޑިއާގައި ފަތުރަމުން އަންނަ ޚަބަރާއި ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ، 2022 ވަނަ އަހަރު ޖަލުހުކެއް ތަންފީޒު ކުރަމުން އަންނަ ހާޝިމް އަކީ 2022 އިން ފެށިގެން ވެސް އުނަގަނޑުގެ މައްސަލައެއް ހުރެ އެކަމުގެ ވޭން ތަހައްމަލުކުރަމުން އަންނަ މީހެއްކަމަށެވެ.
އެބަލީގެ ސަބަބުން އޭނާ ހަދަންޖެހޭ ސަރޖަރީ ރާއްޖޭގައި ކުރެވެން ނެތުމުން، އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދެއްވުމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމިކަމަށް އެބަޔާނުގައި ވެއެވެ. އެ ނިންމުމުގެ ދަށުން މިއަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭސްފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފުރައި، ބޭސްފަރުވާއަށްފަހު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އަނބުރާ ރާއްޖެ އައިސްފައިވާކަމަށް ކަރެކްޝަންސް އިން ބުނެފަވެއެވެ.
ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ އަމަލު ހިންގައިގެން ޙުކުމް ތަންފީޒު ކުރަމުންދާ މީހަކު ދޫކޮށްލި ކަމަށްބުނެ، ސޯޝަލް މީޑިއާގެ ބައެއް އެކައުންޓުތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގެއް. އެކަމުގެ ޙަޤީޤަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެވަނީ ހާމަކުރައްވާފައި. pic.twitter.com/lAgo6hzBw8
— Heena Waleed (@MvSpokesperson) November 22, 2024
އޭނާ ރާއްޖެ އައި ނަމަވެސް އޭނާގެ ބަލި ޙާލު ހުރިގޮތުން ޖަލުގައި ހުރެގެން ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުގެ މަތިން ފަރުވާ ކުރިއަށް ނުގެންދެވޭނެތީ، ވަގުތީގޮތުން ޙުކުމް ތަންފީޒުކުރުމަށް އޭނާ ވަނީ ގޭބަންދުގައި ބަހައްޓާފައި ކަމަށް ކަރެކްޝަނުން ބުންޏދެވެ.
އޭނާ ގޭ ބަންދުގައި ހުރިނަމަވެސް އޮންނަ އުސޫލުގެ ދަށުން އޭނާ މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!