ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށްކަމަށް ރައީސް އޮފީހުން ބުނެފަވެއެވެ.
ރައީސް އެންމެފަހުން ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށެވެ.
އެ ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ސައޫދީ އަށް ވަޑައިގަތީ މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މިއީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެއަށްފަހު 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންގެ ބާކޫއަށް ވަޑައިގަތީ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ.
މި ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރައީސް ނިންމަވައިލެއްވީ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!