މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން ވޯޓު ނުދެއްވާނެކަމަށާއި، އެ ބިލު މަޖިލީހުން ''ބޭރުކުރަށްވާނެ'' ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެންވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް "ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" ނަމުގައި ރޭ ބޭއްވި އިވެންޓަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، އެ ބިލު ބަލައިގަންނަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވޯޓް ނުދޭނެ ކަމަށާއި އެ ބިލު މަޖިލީހުން ބޭރުކުރަށްވާނެ ކަމަށެވެ، އަދި އެކަމާ ޝައްކު ނުކުރުމަށް ވެސް އެދިވަޑައިގަތެވެ.
ރައީސް މިހެން ވިދާޅުވުމުން، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ އެކަން ފާހަގަކޮށް ރައީސަށް ޝުކުރު ދަންނަވާފައެވެ.
''ދިވެހި ނޫސްވެރިންގެ ގޮވާލުންތައް އަޑުއައްސަވާ ރައީސް މި ނިންމެވި ނިންމެވުމާއި ދެއްވި ޔަގީންކަން ފާހަގަކޮށް ދިވެހި ނޫސްވެރިންގެ ނަމުގައި އެމްޖޭއޭއިން ރައީސްއަށް ޝުކުރު ދަންނަވަން'' އެމްޖޭއޭ އިން ބުނެފަވެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލަކީ މިނިވަން މެންބަރެއްކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ. 13 ނޮވެމްބަރު 2024 ވަނަ ދުވަހު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
އެމްޖޭއޭގެ އެކްސްކޯ މެންބަރު އަދި 'ދައުރު'ގެ ސީނިއާ ނޫސްވެރިޔާ މުޒައްޔިން ނާޒިމް ރައީސް މުއިއްޒުއާ މިރޭ ސުވާލުކުރުމުން ވިދާޅުވީ، އަމިއްލަ މެންބަރަކު މަޖިލީހަށް މިހާރު ވައްދާފައިވާ "މީޑިއާ ކޮންޓްރޯލް ބިލް" ބަލައިގަންނަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވޯޓް ނުދޭނެ ކަމަށާއި އެ… pic.twitter.com/45XfFyZDAf
— Maldives Journalists Association (@mjamaldives) November 17, 2024
މި ބިލު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އާއި އެމްއެމްސީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ވެސް ފަށާަފައެވެ.
މި ބިލުގައިވާ ގޮތުން، ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން'' އުފައްދައި ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެކެވެ. މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށްކަމަށް ބިލުގައި ބުނެފަވެއެވެ.
އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށެވެ.
މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!