މާލޭގެ ހެންވޭރު ގެއަކުން އިލެކްޓްރޯނިކްސް އެއްޗެހިތަކެއް ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހ. ސަމަރ ގްރީން، އިބްރާހިމް ޒަކަރިއްޔާ (33 އަހަރު) އާއި ސ. ހިތަދޫ / ކުރިބޯށިގެ، މުޙައްމަދު ޒަރީރު (36 އަހަރު) އެވެ.
މި ދެ މީހުން އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިލެކްޓްރޯނިކްސް ބައެއް ތަކެތި އެ މީހުންގެ އަތުން ފުލުހުން ވަނީ ހޯދާފައެވެ. ހޯދި ތަކެތީގެ ތެރޭގައި ލެޕްޓޮޕްތަކަކާއި ޓެބްލެޓްތަކަކާއި މޯބައިލް ފޯނުތަކުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އިބްރާހިމް ޒަކަރިއްޔާ ކޯޓަށް ހާޒިރުކޮށްފައިވަނީ އިއްޔެއެވެ. މުޙައްމަދު ޒަރީރު ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދުއެވެ.
މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މި ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!