ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ހިދުމަތް ހދ.އަތޮޅު ކައުންސިލުގައި ފަށާފައި މިވަނީ އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިންނެވެ.

Ad
rt

މިގޮތުން ހދ.އަތޮޅު ކައުންސިލުގެ އިތުރުން މި ހިދުމަތް މިހާރު ހުޅުމާލެ ފޭސް 01 އަދި 02 ގެ އިތުރުން ވިލިމާލޭގައި ވެސް ވަނީ ފަށާފައެވެ. އަދި ގއ. އަތޮޅާއި، ދ އަތޮޅާއި ލ އަތޮޅުގައި ވެސް ސަރުކާރުން ވަނީ މި ހިދުމަތް ފަށާފައެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ އައިޑީކާޑުގެ ހިދުމަތުގެ ތެރެއިން އަތޮޅުތަކަށް ފުރުސަތުދީފައިވަނީ އައިޑީކާޑު ޕްރިންޓް ކުރުމަށް އެކަނި ކަމަށެވެ.

ވަޒީރު އިހުސާން އިތުރަށް ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް އެޕްލިކޭޝަން އައުމުން އެއެޕްލިކޭޝަން ޕްރޮސެސްކޮށްފައި ޕްރިންޓާއި ހިސާބަށް ދިޔުމުން ޕްރިންޓް ކުރުމުގެ އޮޕްޝަން އެތަންތަނަށް ލިބިގެންދާނެ ކަމަށާއި ވުމާއިއެކު މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

"އެއްވެސް އިތުރު ކާޑެއް ޕްރިންޓެއް ނުކުރެވޭނެ. އަދި ކާޑެއް ދެ ފަހަރަކަށް ޕްރިންޓެއް ނުކުރެވޭނެ. މިކަންކަން އަޅުގަނޑުމެންވާނީ ޔަޤީންކޮށްފައި" ވަޒީރު އިހުސާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އައިޑީ ކާޑްގެ ހިދުމަތް އޮންލައިންކޮށް ދޭން ފަށާފައި ވަނީ 2021 ވަނަ އަހަރުއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު މިހާރު ގާއިމް ކޮށްފައިވާއިރު، ޑީއެންއާރު އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލައަށް މިހާރު ކާޑަށް އެޕްލައި ކުރެވޭނެއެވެ. ޑީއެންއާރުން މިހާރު އަންނަނީ ރަށު ކައުންސިލަށް ކާޑު ފޮނުވައިދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ.

ވަޒީރު ވިދާޅުވީ މިއީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ހިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒޔ ގެންގުޅުއްވާ ވިސްނުންފުޅު ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ލިބިގެންދާނެ ކަމަށެވެ.