ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާ އަށެވެ. ރައީސް އެ ޤައުމަށް ކުރެއްވި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

Ad
rt

މި ސަމިޓުގައި ރައީސް ވަނީ، ފަލަސްތީނުގެ ޙައްޤުޤައި އެމަނިކުފާނު ކުރަށްވަމުން ގެންދަވާ ވަކާލާތު ތަކުރާރުކުރަށްވައި، އެ މައްސަލާގައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލަށްވާފައެވެ.

ސައޫދީ ދަތުރުފުޅަށްފަހު ދެން ރައީސް ވަޑައިގަތީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، އަޒަރްބައިޖާންގެ ބާކޫއަށެވެ.

ކޮޕް29ގައި ރައީސް ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރައްވާއި މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

ކޮޕް29ގެ ހަވާސާގައި އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ވަޞީލަތްތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާމެދު ދުނިޔޭގެ ލީޑަރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވާފައެވެ.

ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 11 އިން 22 އަށެވެ.