އަޒަރުބައިޖާނުން ރާއްޖެ އާއިއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރަށްވާފައެވެ.
އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ދާދި ފަހުން އަޒަރުބައިޖާނާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އަޒަރުބައިޖާނުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރައީސް ވަނީ ދަޢުވަތުއަރުވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަޒަރުބައިޖާނު ރައީސް އަލިޔޭވް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުކުރެއްވުމުގައި އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ލީޑަރޝިޕަށް ތަޢުރީފު ކުރައްވާފައެވެ.
މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ކޮޕް-29 ސަމިޓަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް ކާމިޔާބު މަންސައަކަށް ހެދުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ސަމިޓް މިއަހަރު ކުރިއަށް ދަނީ އަޒަރްބައިޖާންގެ ބާކޫ ގައެވެ.
ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 11 އިން 22 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!