ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ކުރިއަށް އޮތްތަނުގައި ސާފުވެ، ފެނިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ގެނެސްފައިވާ ބަދަލަށް ބައެއް ވިޔަފާރިވެރިންނާއި، ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ދެކޮޅު ހަދައި ފާޑުކިޔަމުންނެވެ.

Ad
rt

މިހެން މިކަން ހިނގާފައި ވަނިކޮށް، ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ ކަމަށެވެ.

''މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި'' ރައީސް ވިދާޅުވެފަވެއެވެ.

ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ބަދަލުގެނެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން 1 އޮކްޓޯބަރު 2024 ގައި ވަނީ ޑޮލަރު މާރުކުރުމުގެ ގަވާއިދު އިސްލާޙްކޮށް އާންމުކޮށްފައެވެ.

މި ޤަވާއިދުގެ ދަށުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ އެ ގަވައިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތައް ކަމަށްވާ ޗަމްޕާލާސް ހޯލްޑިންގްސް، ކޮމަންޑޫ ހޯލްޑިންގްސް އަދި ކުރެއްދޫ ހޯލްޑިންގްސްއިން ވަނީ މަރުކަޒީ ބޭންކަށް ސިޓީ އެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ އެ ގަވައިދު އުވާލަން އެދިފައެވެ.

އެއަށްފަހު ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫން ކަމަށްބުނެ ޔުނިވާސަލް ގްރޫޕުން ހިންގާ ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ހުވަފެންފުށި މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި މިލައިދޫ މޯލްޑިވްސް އަދި ދިގަލި މޯލްޑިވްސް ނަމުގައި ވަނީ އެމްއެމްއޭއަށް ސިޓީއެއް ފޮނުވާފައެވެ.