ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ގިނަ ބަޔަކަށް ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)މުދާތަކާއި ޕެންޓްހައުސް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި އެވެ.

ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާ ގުޅިގެން ނޮވެމްބަރު, 2023 އިން ފެށިގެން އޭނާގެ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި އަގު ބޮޑު މުދާތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް އޮތީ ގެނެސްފަ އެވެ. އެކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އެއް އަހަރު ދުވަހަށް ނެރެދިން އަމުރުގެ މުއްދަތު މާދަމާ ހަމަވެ އެވެ.

Ad
rt

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އެ މުދާތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށެވެ. ނަމަވެސް ދިފާއީ ވަކީލުން އެކަމަށް ދެކޮޅު ހެދި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ދައުލަތުން އެދުނު ގޮތަށް ޝަރީއަތް ނިމެންދެން މަންޑޭގެ މުދާތައް ހިފެހެއްޓުމަށެވެ.

މަންޑޭގެ އެޕާޓްމެންޓްގެ އިތުރުން އެތަނުން އަގު ބޮޑެތި ދަބަހާއި ސެންޓް ފަދަ ތަކެތި ވެސް ފުލުހުން ހިފެހެއްޓި އެވެ.