އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނެ ވާހަކަދައްކާއިރު، ފަސް އަހަރުގެ ދައުރު ނިންމައި ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށް ލޯނުނަގާފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ބައެއް ޓީވީ ޗެނަލް ތަކުން ލައިވްކުރި "ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެ ސަރުކާރުގައި އިސްކަންދަރު ސްކޫލް، މަޖީދިއްޔާ ސްކޫލްފަދަ ސްކޫލްތައް ހުރި ހާލަތުގެ ސަބަބުން އެކަންކަމަށް ހައްލު ހޯދުމަށްއެދި މަޖިލީހަށް ކުއްލި މައްސަލަތައް ވެސް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

Ad
rt

އެމްޑީޕީން ''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނެ ވާހަކަދައްކާއިރު، ދަރުމަވަންތަ ހޮސްޕިޓަލާއި، އިސްކަންދަރު ސްކޫލާއި، މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލްފަދަ މާލޭގައި ހުރި ސްކޫލްތަކާއި އޮލިމްޕަސް ހިމެނޭހެން ރައްޔިތުންގެ ހަރުމުދާތައް އެމްޑީޕީން ހުރީ ރަހުނުކޮށް ލޯނު ނަގާފައި ކަމަށެވެ.

''ބޮޑެތި ލޯނުތަކުގައި އަޅުވާފައި ރަހުނުކޮށްފައި ހުރީ، މިދެންނެވީ ރައްޔިތުންގެ މުދާ، މިއަދު އެއްވެސް ލޯނެއް ނުދެއްކިއްޖެއްޔާ ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކްވެރިކަން އެހެން ފަރާތަކަށް ދެޔޭ އިނގޭތޯ؟ އިސްކަންދަރު ސްކޫލްގެ މިލްކްވެރިކަން އެހެން ފަރާތަކަށް ދެޔޭ އިނގޭތޯ؟ ރައްޔިތުންގެ މި މުދާ ބޮޑެތި ލޯނުތަކަށް ރަހުނުކޮށްފައި ހުރީ'' ވަޒީރު ވިދާޅުވިއެވެ.

މިހާލަތަށް ޤައުމު ދުއްވާލާފައި ވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި، ބަޖެޓްގައި ނެތި މިލިއަނުން ޚަރަދު ކުރީ ވެސް އެ ސަރުކާރުންކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތުން މިސާލެއްގެ ގޮތުގައި ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން އާއި ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ބަޖެޓުން ބޭރުން މަޝްރޫޢުތަކުގައި ސޮއިކޮށް، ބަހައި އެއް ބިލިއަން ރުފިޔާ ހުސްކޮށްލިކަމަށާއި، ގުރައިދޫ އިންތިޚާބުގައި ވެސް އެންސްޕާއާއި އާސަންދަ މޭޒު އެ ދާއިރާގެ ރަށްރަށުގައި ބަހައްޓައިގެން ދައުލަތުގެ މާލިއްޔަތުން ނަހަމަ ބޭނުންކޮށްފައިވާކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.