ދިވެހި ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތަށް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެ ބޭންކްގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރ ޖިން ލީޗުން ދެއްވައިފިއެވެ.

އޭއައިއައިބީގެ ރައީސް މި ޔަޤީންކަން ދެއްވީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢީޒާއި އެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އޭއައިއައިބީ އިން ރާއްޖެއަށް ދެއްވާ އެހީ ފާހަގަކުރަށްވާފައެވެ. އަދި އެ އެހީތެރިކަމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންމެހެން ބޭނުންތެރި އެހީތެރިކަމެއްކަން ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ދިވެހިރާއްޖެއިން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ، ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭން ފަދަ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް، އޭއައިއައިބީގެ އެއްބާރުލުމުގެ މުހިންމުކަމުކަން ފާހަގަ ކުރަށްވާފައެވެ.

މި ބައްދަލުވުމުގައި އޭއައިއައިބީގެ ރައީސް ޖިން ގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އެ ބޭންކްގެ އެއްބާރުލުން ލިބެމުންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ސަމިޓް މިއަހަރު ކުރިއަށް ދަނީ އަޒަރްބައިޖާންގެ ބާކޫ ގައެވެ.

ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 11 އިން 22 އަށެވެ.