ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކޮންފަރެންސް އޮފް ޕާޓީސް ގެ 29 ވަނަ ސެޝަން (ކޮޕް29)ގައި، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި، "ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އަރލީ ވޯރނިންގްސް ފޮރ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް"ގައި ކުރެއްވި ތަޤުރީރުގައެވެ.
އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އެއީ މަޢުނަވީ އަދި އިޤްތިޞާދީ ޟަރޫރަތެއްކަމަށް ވިދާޅުވިއެވެ.
މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ސެންޑާއި ފްރޭމްވަރކްއަށް ދިވެހިރާއްޖެއިން ދޭ އަހަމިއްޔަތުކަން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ދުރާލާ އިންޒާރު ދޭ ނިޒާމާ ގުޅުންހުރި އިސްތިރާޖީ މަގުޗާޓެއް ޤައުމީ ފެންވަރުގައި އެކުލަވާލި ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކާރިޘާތަކަށް ތައްޔާރުވުމުގެ އިތުރުން، ދުރާލާ އިންޒާރު ދިނުމާ ގުޅޭ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖެއިން ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީޘާތަކުން ލިބޭ ގެއްލުން ރެކޯޑްކުރާނެ ޑޭޓާބޭސްއެއް ޤާއިމުކޮށްފައެވެ. އަދި އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި، މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުން ފަދަ ކުރިއެރުންތަކެއް މިދާއިރާއިން ރާއްޖެއިން ވަނީ ހޯދާފައެވެ.
މިގޮތުން އާންމު އިންޒާރު ދޭ އުސޫލު، ނުވަތަ ކޮމަން އެލަރޓިންގް ޕްރޮޓޮކޯލް (ކެޕް) ހަރުދަނާ ކުރުމާއި، އިމްޕެކްޓް ބޭސްޑް ފޯކާސްޓިންގ ސިސްޓަމްތައް ހަރުދަނާކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ސަމިޓް މިއަހަރު ކުރިއަށް ދަނީ އަޒަރްބައިޖާންގެ ބާކޫ ގައެވެ.
ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 11 އިން 22 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!