މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29)ގައި ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށް ވެސް ގޮވާލައްވާފައެވެ.

މި ލަނޑުދަނޑިން ދޭ މެސެޖަކީ އެންމެ ނާޒުކު ޤައުމުތައް ބާކީ ނުވާނެ މެސެޖަކަށް ހެއްދެވުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މާފުކުރުން ފަދަ އީޖާދީ ވިސްނުންތަކެއް ގެންގުޅުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގެ ނާޒުކުކަމަށް ކުރާ ޚަރަދަކީ ތަކުލީފެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މާނަފުން އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލުމަށް ވެސް ރައީސް ވަނީ ގޮވާލަށްވާފައެވެ.

އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ސަމިޓް މިއަހަރު ކުރިއަށް ދަނީ އަޒަރްބައިޖާންގެ ބާކޫ ގައެވެ.

ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 11 އިން 22 އަށެވެ.