ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި އެވެ.

Ad
rt

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާގޮތްތައް ހޯދުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފާފައިވާ ކަމަށެވެ.

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތައް ކުރިއަށްދާ ގޮތް މި ބައްދަލުވުމުގައި މުރާޖަޢާކުރައްވާފައިވާއިރު، މީގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވައިގެބަނދަރު ތަރައްޤީކުރުމާއި، އެނޫންވެސް ބިނާރާއި މަސްވެރިކަމާ ގުޅޭ މަޝްރޫޢުތައް ހިމެނެއެވެ.

ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ، މި މަޝްރޫޢުތައް ވަގުތަށް ނިންމުމާއި، ނަތީޖާ ނެރެވޭފަދަ ތަރައްޤީގެ މަސައްކަތްތަކަށް ދެފަރާތުން ވެސް އިޚްލާޞްތެރިކަމާއެކު ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެއްގައި ރައީސް މިވަގުތު ހުންނެވީ ސަޢޫދީ އަރަބިއްޔާގައެވެ.