ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށް މުސްލިމު ޤައުމުތަކުން ދޭ ރައްދު އިޖާބަ މާކުޑަކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ.

ސައޫދީގެ ވެރިރަށް ރިޔާޒުގައި ބޭއްވުނު އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި އަރަބު ލީގުގެ ޖޮއިންޓް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި އަމަލުތަކާ މެދު މުސްލިމު ޤައުމުތަކުގެ އިޖާބަދޭ މިންވަރު ވަރަށް ދެރަކަމަށެވެ. އަދި ހުޅަނގުގެ ބައެއް ޤައުމުތަކުން އިސްރާއީލަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

"ހުޅަނގުގެ މަދު ޤައުމުތަކަކުން އިސްރާއީލަށް ހުރިހާ ބާވަތެއްގެ އަސްކަރީ، ސިޔާސީ، އިޤްތިޞާދީ އަދި މަޢުނަވީ އެހީތެރިކަން ފޯރުކޮށްދޭއިރު، މުސްލިމު ޤައުމުތަކުން އެކަށީގެންވާ ގޮތެއްގައި އިޖާބަ ނުދިނުމުގެ ސަބަބުން މިހާރު މި ހާލަތަށް ކަންކަން ގޮސްފައި މިވަނީ،" އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުގެ މަޤްޞަދަކީ ޣައްޒާގައި އާބާދުވެ، ހުޅަނގު އައްސޭރި އާއި އިރުމަތީ ޖެރޫސަލަމްއިން ފަލަސްޠީނުގެ ވުޖޫދު ނައްތާލުމަށްފަހު އެ ސަރަޙައްދު އަތުލުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ. މި މަޤްޞަދާ ދިމާއަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން މިހާތަނަށް ޣައްޒާއާއި ފަލަސްޠީނުގެ އެހެނިހެން ސަރަޙައްދުތަކުގައި ފަލަސްތީނުގެ 50,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަވަސް ޙައްލުތަކެއް ބޭނުންވާ ކަމަށް ފާހަގަކުރައްވައި، ތުރުކީން މިހާތަނަށް 84,000 ޓަނަށްވުރެ ގިނަ އެހީ ޣައްޒާއަށް ފޮނުވާފައިވާ ކަމަށާއި، ހުރަސްތައް ނައްތާލުމުން އިތުރު އެހީ ފޮނުވުމަށް ތައްޔާރަށް ތިބި ކަމަށް ވެސް އަރުދޮއާން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސްއަޅަމުންދާ ކަމަށާއި، މަސްތަކެއް ވަންދެން މިސްރުގައި އެހީގެ ތަކެތި ބަހައްޓާފައި ހުރިކަމަށް ވެސް އުރުދުޣާން ފާހަގަކުރެއްވިއެވެ.