''މުސްލިމުން އުއްމަތެއްގެ ގޮތުގައި، މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފިނަމަ، ތާރީޚުން މުސްލިމުންގެ މައްޗަށް ހަރުކަށި ޙުކުމް ކުރާނެ'' ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި މިއަދު ތަޤުރީރުކުރައްވަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ މި ސަމިޓުގައި ރައީސް މުޢިއްޒު ކުރެއްވި ތަޤުރީރުގައި، މުސްލިމް އަދި ޢަރަބި ޤައުމުތަކުން ފަލަސްޠީނަށް ތާއީދުކުރަނިވި އުސޫލަކުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ފަލަސްޠީނުގެ ޙައްޤުގައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅެއް އަޅައި ނިންމުމަށް ގޮވާލައްވައި، އެއްބައިވަންތަކަމާއި މާނަހުރި ބަދަލަކަށް މި ސަމިޓް ބަދަލުކުރުމަށް ވެސް ގޮވާލަށްވާފައެވެ.
"އަޅުގަނޑުމެން އުއްމަތެއްގެ ގޮތުގައި، މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފިނަމަ، ތާރީޚުން އަޅުގަނޑުމެންގެ މައްޗަށް ހަރުކަށި ޙުކުމް ކުރާނެ،" ރައީސް ވިދާޅުވެފަވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ވަކިވެފައި އޮތް މިނިވަން، ދެ ދައުލަތުގެ ހައްލަކަށް ގްލޯބަލް އެލަޔަންސެއް ނުވަތަ ޢާލަމީ ޢަހްދެއް ބިނާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ޚާންދާނުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ތަޢުރީފުކުރައްވާފައެވެ.
މިކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ސާބިތުވެ އޮތުމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުއްމީދާއި ހިތްވަރު އައުކޮށްދެނިވި އަލިކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!