އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ހަތް ރަށް ކަނޑައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ތަރައްގީކުރަން ނިންމާފައިވާ ރަށްތައް މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.
އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ.އުނގޫފާރު، ބ.އޭދަފުށި، ޅ.ނައިފަރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ދ. ކުޑަހުވަދޫގެ އިތުރުން ލ.ފޮނަދޫއެވެ.
ރާއްޖޭގެ އެކިސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކޮށް މާލެއިން ލިބެންހުރި ހިދުމަތްތައް އެ ސަރަހައްދުގައި ގާއިމްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިއަދު އާންމުކުރި ލިސްޓްގައި ހިމެނޭ ބައެއް ރަށްރަށަށް މި އަހަރުތެރޭ ރައީސް ވަޑައިގެން އާބަން ސެންޓަރުތަކާއި ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން މި އަހަރުގެ މާޗް މަހު ބ.އޭދަފުއްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާބަން ސެންޓަރުތަކަކީ ރަށުގެ ރައްޔިތުން އެދޭ ހުރިހާ ތަރައްގީއެއް ފުރިހަމަވެ، އެހެން ރަށްރަށުން ވެސް މީހުން ހިޖުރަ ކުރަން ބޭނުންވާ ފަދަ ތަންތަނަށް ހަދައިދެއްވާނެ ކަމަށާއި އެ ލިސްޓްގައި ހިމެނޭ އެއް ރަށަކީ ކުޑަހުވަދޫ ކަމަށެވެ.
މީގެއިތުރުން މި އަހަރުތެރޭ ރ.އަތޮޅު އުނގޫފާރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވެސް ވަނީ މިފަދައިން ތަކުރާރު ކުރައްވާފައެވެ.
އާބަން ސެންޓަރުތައް އެޅުމަށް ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް، ހިޔާލާއި މަޝްވަރާ ހޯދައިގެން، އާބަން ސެންޓަރުތައް ކަނޑައެޅުމަށް ކަމާ ގުޅޭ އިދާރާތައް ގުޅިގެން ތަފްސީލީ ދިރާސާއެއް ކުރަން ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހު ނިންމާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!