ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދެ ދަތުރެއް މި މަހު ކުރަން ތާވަލުކޮށްފިއެވެ.

މި މަހުގެ 16 ވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކަށާއި އައްޑޫ ސިޓީއަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވަނީ އަތޮޅު ކައުންސިލް މެމްބަރުންގެ އިތުރުން އެ ކައުންސިލްގެ އެސްޖީއާއި އިދާރީ މުވައްޒަފެއް ހިމެނޭހެން ޖުމްލަ 12 މެމްބަރުންނެވެ.

Ad
rt

މި ދަތުރާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ވަހީދު ބުނީ މި ދަތުރުގައި ފުވައްމުލަކާއި އައްޑޫ ސިޓީގެ ކައުންސިލްތަކާއި ބައްދަލުކޮށް މައުލޫމާތު ބަދަލުކޮށް ތަޖުރިބާ ހިއްސާކުރެވި، ދެފަރާތް ގުޅިގެން ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލައި އެއްބަސްވުންތައް އެކުލަވާލެވިގެންދާނެ ކަމަށެވެ.

މި މަހު ކުރަން ހަމަޖެހިފައިވާ ދެވަނަ ދަތުރަކީ އަތޮޅު ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ގޮތުން އެ ކައުންސިލްގެ އިދާރީ މުވައްޒަފުން މި މަހުގެ 23 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް، ފ އަތޮޅަށާއި ދ އަތޮޅަށް ކުރުމަށް ނިންމާފައިވާ ދަތުރެކެވެ.

މި ދަތުރާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ވަހީދު ބުނީ މި ދަތުރުގައި އެއްވެސް ކައުންސިލަރަކު ބައިވެރިނުވާނެ ކަމަށާއި ބައިވެރިވާނީ އިދާރީ (ސިވިލްސާވިސް) މުވައްޒަފުން ކަމަށެވެ. އަދި މި ދަތުރުގައި ބައިވެރިވާ އިދާރީ ޓީމުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަތޮޅު ކައުންސިލްގެ ރައީސް ނެތުމުން މިވަގުތު އެ ކައުންސިލް ހިންގުމާއި އެންމެ އިސްކޮށް ހަވާލުވެ ހުރީ ވަހީދުއެވެ. ވަހީދު އިތުރަށް ބުނީ މި ދަތުރުތައް ކުރުމަށް ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްފައި ވަނީ އޭނާ ހިންގުމާއި ހަވާލުވުމުގެ މާކުރިން ކަމަށާއި، މިހާރު ކުރިއަށް މިދަނީ ކުރަން ނިންމާފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަރުހަލާއެއް ކަމަށެވެ.