އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ވަރުގަދަ ގުޅުމަކީ އިޙްތިރާމާއި އެއް ޤައުމުން އަނެއް ޤައުމުގެ ކަންކަން ދެނެގަތުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

Ad
rt

މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ސުލްޙައާއި ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވިކަންވެސް ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވާދަކުރެއްވީ އެ ޤައުމުގެ މިހާރުގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަލާ ހެރިސްއާ ދެކޮޅަށެވެ. ޓްރަމްޕްގެ ކާމިޔާބާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން މިހާރު ދަނީ މަރުޙަބާ ދަންނަވަމުންނެވެ.

ޕާމް ބީޗް ކޮންވެންޝަން ސެންޓަރުގައި ތާއީދުކުރައްވާ ފަރާތްތަކާ މުޚާތަބުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ރައްޔިތުން އެމަނިކުފާނަށް ދެއްވާފައިވަނީ މިހާތަނަށް ދުވަހަކުވެސް ނުދޭފަދަ ބާރުގަދަ މެންޑޭޓެއް ކަމަށެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ޓްރަމްޕަށް 266 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާގެ ވާދަވެރިޔާ ކަމަލާ ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 188 ވޯޓެވެ. ރައީސްކަން ކާމިޔާބުކުރެއްވުމަށް 270 އިލެކްޓޯރަލް ވޯޓު ހޯއްދެވުން ލާޒިމްވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑްނަލްޑް ޓްރަމްޕްގެ ރިޔާސީ ދަޢުރުގައި އެމެރިކާއިން އެއްވެސް ބަޔަކާ އަސްކަރީ ހަނގުރާމައެއް ނުކުރާނެ ކަމަށާއި، ވީ ވަޢުދާ އެއްގޮތަށް ހަނގުރާމަތައް ހުއްޓުވާ ޞުލްހަ ޤާއިމްކުރާނެ ކަމަށް ޓްރަމްވިދާޅުވި އެވެ.

ޣައްޒާ އާއި ލުބުނާނުގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަތައް ހުއްޓުވާނެ ކަމަށް ޓްރަމްޕް ވަޢުދުވުމުން އެމެރިކާގެ މުސްލިމުންގެ ކޮމިޔިނިޓީން އިއްޔެ ވަނީ ޓްރަމްޕަށް ތާޢީދުކުރާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އަދިވެސް ގުނަން ހުރި ގިނަ އަދަދެއްގެ ވޯޓުތަކެއް ހުރިއިރު، އަދި ރަސްމީ ނަތީޖާ އިޢުލާންކުރުމަށް އިތުރު ދެތިން ދުވަސް ނަގާނެކަމަށް ބެލެވެއެވެ.

އިންތިޚާބުގެ ވާދަވެރިޔާ ކަމަލާ ހެރިސް ވަނީ، ތާއީދުކުރައްވާ ފަރާތްތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން މިހާރު ކެންސަލްކުރައްވާފައެވެ.