އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން ޖެހޭކަން ފާހަގަކުރަށްވައި މިހާރު ޤައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކޮންމެހެން އަބަދުވެސް، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. މިހާރު އެކި ޤައުމުތަކުގައި އެބާވަތުގެ ކަންތައްތައްހިންގަމުން ދަނީ ލިޔެލާ ލިޔުމަކުން، ނޫންނަމަ އިންޓަރނެޓުން ހިންގާ އެކިކަހަލަ ކެމްޕެއިންތަކުން، ނޫންނަމަ އެފަދަ ކޮންމެވެސް ޒަމާނީ ވަސީލަތަކުންކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

''އަޅުގަނޑުމެން އަބަދުވެސް ވާން އެބަޖެހޭ، ނޮވެންބަރު 3 ގައި އަޅުގަނޑުމެން ދެއްކި އެކުވެރިކަން ދައްކާ ބަޔަކަށް. މިހާރުގެ މި ޙަޤީޤަތް ގަބޫލުކޮށްގެން، މިހާރު އަޅުގަނޑުމެންނަށް މި ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކުގައި، އެ ދުވަހު ދެއްކި އެކުވެރިކަން، އަޅުގަނޑުމެންނަކީ އެއްބައެއްކަން، އަޅުގަނޑުމެން ޤައުމުދެކެ ލޯބިވާކަން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށްވުރެ މުހިންމު އެއްޗެއް ނެތްކަން، އަޅުގަނޑުމެންގެ ކުރިމަތީގައި ދުޝްމަނުންނަށް އެއްބާރުލުން ދޭނެ އެއްވެސް މީހަކު ނުހުންނާނެކަން،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދުޝްމަނުންނަކީ މިހާރު ކޮންމެހެން ކުރިމަތިން ފެންނަ މީހެއް ނޫން ކަމަށެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމަޢު ވީރާނާކޮށް، އަޅުގަނޑުމެންގެ އެތެރެ ބައިބައިކުރުމަށް ހިންގާ ކަންތައްތަކާއި، ޤައުމެއްގެ ސިފަ ގެއްލުވައިލުމަށްޓަކައި ހިންގާ ކަންތައް އެތެރެއާއި ބޭރުން ވެސް ހިންގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

''އެކިކަހަލަ އޮއިވަރުތައް ހިނގަމުން މިދަނީ. އެތެރެއިންނާއި ބޭރުން. އެތެރޭގައިވެސް ތިބޭ. އެކިކަހަލަ ނުބައި އޮއިވަރުތައް ހިންގަމުން މިދަނީ. އަޅުގަނޑުމެންގެ މުޖުތަމަޢު ވީރާނާކޮށް، އަޅުގަނޑުމެންގެ އެތެރެ ބައިބައިކުރުމަށް ހިންގާ ކަންތައްތައް. ޤައުމެއްގެ ސިފަ ގެއްލުވައިލުމަށްޓަކައި ހިންގާ ކަންތައް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހެން މިކަން އޮތުމުން އަޅުގަނޑުމެން ދިވެހީންގެ މި އެކުވެރިކަން އާލާކޮށް، ޤައުމީ ވިސްނުން އިސްކޮށް، ޙަޤީޤީ މާނައިގައިވެސް، އެންމެ ފުރަތަމަ ޤައުމު އެއީ، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ބިންވަޅު ނެގޭ ކަމަކަށް ހެދުމަކީ، މިފަދަ މުހިންމު މުނާސަބަތެއްގައި އަޅުގަނޑުމެންގެ ޢަޒުމަށް ވާންޖެހޭނެ ކަމަށެވެ.

''އަޅުގަނޑުމެންގެ ކުރިމަތީގައި އެންމެ މުހިންމު ވާންޖެހޭނީ، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން. ތިމަންނައަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްކަން އަބަދުވެސް ފިކުރު ކުރުންކަން. އެހެންވީމާ، މި ޢަޒުމުގައި ކުރިއަށްދިޔުމަށް އަޅުގަނޑު އިލްތިމާސް ކުރަން،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަޅުގަނޑުމެން ވާންޖެހޭނީ، އަޅުގަނޑުމެންގެ ޤައުމަށްޓަކައި ޤުރްބާންވުމުގައި ކޮންމެ ފަދަ ވަގުތެއްގައިވެސް ތައްޔާރަށް ތިބި ބަޔަކަށް ކަމަށެވެ.