"ސަގާފީ" ނުވަތަ "ސަގާފަތް" މިއީ ޤައުމީގޮތުން ފާގަހަކުރެވޭ އެކިއެކި މުނާސަބަތުތަކުގައި ވަރަށް ގިނައިން އިވޭލަފުޒެކެވެ. އެހެން ނަމަވެސް މި ލަފުޒުގެ މާނަ އަޅުގަނޑުމެންގެ ތެރޭގައި ބޭނުން ކުރެވެނީ އެންމެ ރަނގަޅަށް ބާއެވެ. މި ލިޔުން ލިޔާން ގަސްތުކުރި މައިގަނޑު ސަބަބަކީ، "ސަގާފަތުގެ" މާނަ ރަނގަޅު ނޫން ގޮތުގައި ބޭނުން ކުރުމުގެ ސަގާފަތެއް އަޅުގަނޑުމެންގެ ޤައުމުގައި އުފެދި، އޭގެ ސަބަބުން ފޫބައްދަން ނުހަނު އުނދަގޫ ވާފަދަ ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށްކޮށް އަދި މިހާރުވެސް ކުރަމުން ދާތީއެވެ.
ސަގާފަތަކީ ތަނެއްގައި އެ އިރެއްގައި އުޅޭ އާންމު މީސްތަކުންގެ ތެރޭގައި ވާ އާދަކާދައާއި ހިފަހައްޓާ ހަމަތަކަށް ކިޔާ ނަމެކެވެ. ޒަމާނުގެ މަގާމުގައި ނަމަ އެއީ ވޭވޭހުރިކަން ނުވަތަ ހިނގަހިނގައި ހުރި ޒަމާނުގައި ހިނގަހިނގައި ހުރި ކަންތައްތަކެކެވެ. ކުރު ގޮތަކަށް ބުނާނަމަ ދިވެހީންގެ ސަގާފަތަކީ މިއަދު ދިވެހީން ގެ ކަންކަން ހުރި ގޮތެވެ. މިސާލަކަށް ބަލާނަމަ، މިއަދު އަޅުގަނޑު ދިވެހި ފިރިހެނުންގެ ސަގާފީ ހެދުމަކީ ކޮބައިކަން މީހެއްގާތުގައި ބުނާނަމަ އެއީ ގަމީހާއި ފަޓުލޫނުކަމުގައި ނުވަތަ ޓީޝާޓާއި ޖިންސު ކަމުގައި ބުނާނަމެވެ. ގަންޖުފަރާހާއި ފޭއްޔަކީ ސަގާފީ ހެދުމެއް ނޫނެވެ. އެއީ ތުރާސެކެވެ. އެހެން ކަލިމައަކުން ބުނާނަމަ ތަރިކައެކެވެ. މާ ކުރީ ޒަމާނެއްގައި އުޅުނު ދިވެހީންތަކެއްގެ ސަގާފީ ހެދުމެކެވެ. އަޅުގަނޑުމެންނަށް ތުރާހާއި ސަގާފަތް މިވަނީ އޮޅިފައެވެ. ދިވެހި ޤައުމިއްޔަތު ހިމާޔަތްކުރުމުގެ ބޭނުމުގައި ހަދާފައިވާ ވުޒާރާގެ ނަމުގައި ވެސް މި ދެ ލަފުޒު ވަކި ކުރެވިފައިވެއެވެ. އެ ވުޒާރާގެ ނަމަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއެވެ.
ދިވެއްސެއް ގާތު ދިވެހީންގެ ސަގާފީ ހެދުމަކީ ކޮބައިތޯ އަހައިފި ނަމަ ދުލު ކުރިއަށް އަންނަނީ މުންޑާއި ފޭއްޔާއި ބޯވަޅު އެޅި ލިބާހެވެ. ސަގާފީ ހަވީރުގައި ފެންނަނީ މުޅީން ވެސް އަދު ދިވެހީން ދޫކޮށްފައިވާ ހެދުންތަކާއި ކަންކަމެވެ. ހަމައެކަނި ޚާއްސަ ޤައުމީ ހައެއްކަ މުނާސަބަތެއް އައުމުން މެނުވީ ނުފެންނަ މަންޒަރުތަކެކެވެ. އެއީ މުޅީންވެސް "ތަރިކައެވެ". އެފަދަ ކަންކަން އެ ހަވީރުތަކުގައި ނުދައްކާށޭ އަޅުގަނޑު ނުބުނަމެވެ. އޭގެއިން އަޅުގަނޑުމެންގެ ދިވެހި ތާރީޚާއި ޙަޟާރަތާއި ގުޅޭ އެތައް ވާހަކަތަކެއް އަޅުގަނޑުމެންނަށް ކިޔައިދެއެވެ. މާދަމާ ޤައުމުގެ ހުންގާނާ ހަވާލުވާންތިބި އަދުގެ ޅަ ޖީލުތަކަށް އެމަޢުލޫމާތުތައް ކިޔައިދިނުން ނުހަނު މުހިންމެވެ. ދިވެހި ދައުލަތް އުފެދިފައިވާ އަސާސްތަކުގެ މަތީގައި މި ދައުލަތް ތަރައްޤީ ކުރެވޭނީ މި ދައުލަތުގެ ތާރީޚާއި ތުރާހާއި ތަރިކަތަކާއި އެއާ ބެހޭ މަޢުލޫމާތުތައް ވެސް އެނގިގެންނެވެ. އެތަކެއްޗާއި ކަންކަމަށް ސަގާފަތުގެ ނަން ބޭނުންކުރުމުގެ ބަދަލުގައި "ތުރާސް" ނުވަތަ އެފަދަ އެހެން ބަހެއް ބޭނުން ކުރުން ރަނގަޅެވެ.
ތަރިކައަށް ސަގާފަތް ކިޔުމާ އަޅުގަނޑު މާބޮޑަކަށް މި ދެކޮޅު ހަދާ ސަބަބަށް ދަމާ ހިނގާށެވެ. އާދެ އިސްވެ ދެންނެވުނު އެކި އެކި ސަބަބުތަކާހުރެ އަދުގެ ދިވެހީން ވަނީ "ދިވެހީންގެ ސަގާފަތުގެ" މަތީން ހަނދާން ނެތިފައެވެ. ދިވެހީންގެ ސަގާފަތް ގާއިމުވެފައި ވާން ޖެހެނީ ކިހިނެއްކަން އަދުގެ ދިވެހީންނަކަށް ނޭނގެއެވެ. ސަގާފަތް ހިމާޔަތްކުރުމުގެ ނަމުގައި މުޅީންވެސް ދެކެވެނީ އިހުގެ މީހުން އުޅުނު ގޮތްތަކުގެ ވާހަކައެވެ. އަދުގެ ދިވެހީންގެ ސަގާފަތް ހިމާޔަތް ކުރުމަކީ ބުއްދި ހުރަސްކޮށްލާކަމަކަށް ވެސް ނުވެއެވެ.
ސަގާފަތަކީ އަބަދު ވެސް އެކިއެކި ނުފުޒު ފޯރާ އެއްޗެކެވެ. އެ ނުފޫޒުތަކާއެކު ސަގާފަތަށް ބަދަލު އާދެއެވެ. އަޅުގަނޑުމެން އުޅެމުން މިދާ ދުވަސްވަރަކީ އެކިއެކި ނުރަނގަޅު ނުފޫޒުތަކުން ވަށާލެވިފައިވާ ދުވަސްވަރެކެވެ. މި ފަދަ ނުރަނގަޅު ނުފޫޒުތަކުން އަޅުގަނޑުމެންގެ ސަގާފަތް މުޅީން ކިލަނބުކުރަމުން ދާއިރު އަޅުގަނޑުމެން މިތިބީ ޣާފިލުކަމުގެ ނިދީގައި ރޭކާވެސް ނުލާ ހާލަތުގައެވެ. އަދުގެ ހަރު އުމުފުރާތަކުގެ މީހުން ޅައިރު، ދިވެހީންތެރޭގައި ވީ އެތައް ރަނގަޅު ސިފަތަކެއް މިއަދު ނެތިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ ވެސް ސަގާފަތް ހިމާޔަތްކުރަން ނުއުޅެ، މުޅީން އެހެން އެއްޗެއް ހިމާޔަތްކުރުމަށް "ސަގާފަތް ހިމާޔަތްކުރުން" ކިޔުމެވެ. ސަގާފަތުގައި އަށަގެންފައިވާ ރަނގަޅު ސިފަތައް ހިމާޔަތްކުރާން ނުއުޅޭނަމަ، މިދެންނެވުނު ނުރަނގަޅު ނުފޫޒުތަކުގެ އަސަރުކޮށް އެ ރަނގަޅު ސިފަތައް ސަގާފަތުގެ ތެރެއިން ނެތިގެން ދާނެއެވެ. އެހެންކަމުން ސަގާފަތާމެދު އަބަދުވެސް ވިސްނުމާއި، ސަގާފަތަށް ނުފޫޒު ފޯރުވާ ކަންކަމާ މެދު ސަމާލުވެތިބުމާއި އެކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، ދިރާސާކޮށް ހެދުމަކީ ދިވެހީންގެ ސަގާފަތް ޙިމާޔަތްކުރުމަށް ކުރާންޖެހޭ ނުހަނު މުހިންމު ކަންތައްތަކެކެވެ.
ނުރަނގަޅު ނުފޫޒުތަކުން ސަގާފަތަށް އަސަރުކުރާއިރު، އަދި މިނުފުޒުތަކާއި އޭގެ ނުރަނގަޅު އަސަރުތަކުން ސަގާފަތް ޙިމާޔަތްކުރާން ޖެހޭކަމަށް އަޅުގަނޑުމެން ބުނާއިރު، މިކަންކުރާން ވީ ރަނގަޅު ގޮތް ވެސް އަޅުގަނޑުމެންނަށް އެނގެޖެހެއެވެ. ސަގާފަތް ހިމާޔަތްކުރުމޭ މި ދަންނަވަނީ އެއަށް އެއްވެސް ބަދަލެއް ނުގެނެސް އެ އޮތްގޮތަށް ބަހައްޓަން މަސައްކަތްކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް ބަދަލެއް އަންނަހިނދު، އެއީ ރަނގަޅު ބަދަލެއްކަން ކަށަވަރުކުރާ ވާހަކައެވެ. ސަގާފަތް ހަމަ މަގުގައި ބެއްޓުމަށްޓަކައި އެ ކޮންޓުރޯލުކުރާ އެއްޗެއް ވާންޖެހެއެވެ. އެއީ އެބައެއްގެ އުޅުމާއި ގުޅުންތަކާއި ސުލޫކު ވަކި ހަމައެއްގައި ހިފަހައްޓާ ފަލްސަފާއެވެ. ދިވެރާއްޖޭގައި ނަމަ އެއީ އިސްލާމްދީނެވެ. އެހެންކަމުން، އަށަގެންފައިވާ ސަގާފަތަށް އެއްވެސް ބަދަލެއް އަންނަނަމަ، އެބަދަލަކާއި އެބަދަލެއް އައުމަށް މެދުވެރިވި ސަބަބު ވަގުތުން ދެނެގަންނާން ވާނެއެވެ. އެއާއެކު އެބަދަލާއި އެބަދަލެއް ގެނުވި ސަބަބު، އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާ ފުށުއަރާތޯ ބެލުން ހުއްޓެވެ. އެބަދަލެއް ދީނާ ފުށު ނާރާނަމަ އެއަކު މާ ބޮޑު މައްސަލައެއް ނެތެވެ. ދެން ބަލާންޖެހޭ ކަންކަން ވަރަށް މަދުވާނެއެވެ. އެހެންކަމުން ސަގާފަތް ހަމަމަގުގައި ބެހެއްޓުމަށް ދީނީ ހޭލުންތެރިކަން ވަރަށް މުހިންމެވެ. ދީނީ ހޭލުންތެރިކަމަށް ރަނގަޅު ބަދަލު އަންނަނަމަ އޭގެ ހެޔޮ އަސަރު ސަގާފަތަށް ވެސް ކުރާނެއެވެ.
ސަގާފަތާމެދު ޣާފިލުވެފައި ތިބުމުގެ ނަތީޖާ ވަރަށް ހިތްޗެވެ. އިސްލާމްދީނަށާއި، މި ރާއްޖެއަށާއި، މި ޤައުމަށް، އެއްވެސް ޣީރަތްތެރިކަމެއް ނުވާ ބަޔަކު އިސްވެ ތިބެ އެކިއެކި ބޭރު ދައުލަތްތަކާއި ޣައިރު ދީންތަކުގެ ސަގާފަތައް ރާއްޖޭގައި އަށަގަންނުވާން ކުރާ ނޭއްދާރު ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހީންގެ އަދުގެ ސަގާފަތް މިވަނީ ވަރަށް ނުރަނގަޅު ފައްތަރެއްގައެވެ. މުޅީން އޮޅުން ބޮޅުންވެފައެވެ. ދިވެހީންގެ މުސްތަގިއްލު ދިވެހި ބަހާއި ތާނަ އަކުރަކީ އަދުގެ ޅަ ޖީލުތަކަށް ވަރަށް ބީރައްޓެހި ތަކެއްޗަށް ވަނީ ވެފައެވެ. އަޅުގަނޑުމެންގެ ތެރެއަށް ތައާރަފުވާ ލާދީނީ ގޮތްތައް ޤަބޫލުކޮށްލަނީ އެއްވެސް ޖެހިލުމެއްނެތިއެވެ. އިސްލާމް ދީނުގައި މުސްލިމުންގެ މައްޗަށް ލާޒިމުކޮށްފައިވާ ހެދުއުންއެޅުމުގެ އުސޫލުތަކަށް ތަބާވުމަކީ އަދުގެ ޖީލުގެ ވަރަށް ގިނަ މީހުންނަށް މާކަމުހިންމުކަމެއް ނޫނެވެ.
ފަތުރުވެރީންގެ ގޮތުގައި ދޮންމީހުން އައިސް ދިވެހީން ދިރުއުޅޭ ރަށްތަކަށް އަންނާން ފެށުމުން އެމީހުންގެ ވަޒަނުގެ ސަގާފަތް މިތަނުގައި އަށަގަންނުވާން ވެއްޖެއެވެ. ރެޕާއި މެޓަލާއި ރޮކާއި ހިޕްހޮޕަކީ މާ މޮޅު އެއްޗަކަށް ވެގެން ލޯކަލް ޓުއަރިޒަމް ރަނގަޅަށް ހިނގާ ރަށްތަކުގެ ކަންކަން މަތިތަކުގައި މި ތަކެތީގެ މިއުޒިކީ ޑީޖޭ ތައް ވަނީ ގިނަ ވެފައެވެ. ދަރީން ގޮވައިގެން ދިވެހީންގެ ރަށްތަކުގެ ދިވެހީންގެ މަގުތަކާއި ދިވެހީންގެ ރެސްޓްރޯންޓުތަކާއި ދިވެހީންގެ އަތިރިމަތިތަކާއި ދިވެހީންގެ ގޮންޑުދޮށްތަކުގައި އުޅޭން މިޖެހެނީ އެކުދީންގެ ލޮލުގައި އަތް އަޅައިގެންނެވެ. ނުވަތަ ކަނުބަނދެގެންވެ. ޑޮލަރުގެ ދަހިވެތިކަމުގައި ދިވެހީންގެ އިސްލާމީ ރިވެތި ސަގާފަތް ފުރަގަހަށް އެއްލާލައި، ޣައިރު ދީންތަކާއި ލާދީނީ މުޖުތަމަޢުތަކުގެ ސަގާފަތް ދިވެހީންގެ ރަށްތަކުގައި އަށަގަންނުވާއިރު، ހިތާމައަކީ މި އަންނަ ފަތުރުވެރިންނަކީ މިކަމަށް އެދޭ ބައެއް ވެސް ނޫނެވެ. އެމީހުން އެމީހުންގެ ސިޓީތަކުގައި ރާބޮއެ، އޮރިޔާމުން ގޮނޑުދޮށްތަކުގައި އުޅެފައި ބޮޑެތި ޚަރަދުތަކެއް ކޮށްގެން ދިވެހީން އުޅޭ ރަށްތަކަށް މި އަންނަނީ މިރާއްޖޭގެ ރީތިކަން ބަލާލުމަށާއި މިޤައުމުގެ ސަގާފަތް ދެކި ތަޖުރިބާ ކުރުމަށެވެ. އެހެންކަމުން އެމީހުންނަށް ފެންނާންވީ އިސްލާމީ ރިވެތި އުސޫލުތަކުން ޒީނަތްތެރިވެފައިވާ އަޅުގަނޑުމެން ދިވެހީންގެ އަސްލު ސަގާފަތެވެ. އެހެނަސް އަޅުގަނޑުމެންގެ ބުއްދި ނެތި ގޮސްފައިވާ މިންވަރުން، މިދެންނެވި ދެ ކަމުންކުރެ ދިވެހީންގެ ސަގާފަތް ތަޖުރިބާކުރުމުން އެމީހުން މިވަނީ މަހުރޫމު ކޮށްފައެވެ. ރަށަށް އަންނާން ވާއިރަށް މި ރާއްޖޭގައި އެމީހުންގެ ރާއްޖޭގެ ސަގާފަތް ގާއިމުކޮށްދެނީއެވެ. އެހެންކަމުން ރަށު ބޭރުގައި ސަފާރީއެއް ބާއްވައިގެން ރަށަށް ރާ ގެނެސް އެމީހުންނަށް ރާ ވެސް ދޭން ޖެހެއެވެ. އެއާއެކު އެރަލުގެ މަސްތުގައި ދިވެހީން ވެސް ޖެހެނީއެވެ. ދިވެހީންގެ ބީޗުތަކުން ދިވެހީން މަހުރޫމުކޮށްފައި ނަމަވެސް އެމީހުންނަށް އޮރިޔާމާ ބީޗުތަކުގައި އުޅެވޭ ގޮތް ހަދައިދޭން ވެސް ޖެހެއެވެ. މިއީ ދެން ކިހާ ބޮޑު ކަމެއް ހެއްޔެވެ.
ރަނގަޅު ގޮތުގައި ސަގާފަތް ހިމާޔަތް ނުކުރެވޭނަމަ އެތަނެއްގައި އެއްވެސް ހަރުދަނާ އުސޫލެއް ނުއޮންނާނެއެވެ. އެތަނެއްގެ އަފުރާދުން ރަނގަޅު ސުލޫކެއްގެ މަތީގައި ސާބިތުވެ ނުތިބޭނެއެވެ. މާއްދީ މަންފާއަކަށްޓަކައި އެތަނެއް ދެމިއޮތް އަސާސްތައް އެއްފަރާތްކޮށްލުމަކީ މާ ބޮޑުކަމަކަށް ނަހަދާނެއެވެ. މުޖުތަމަޢުގެ އިޖުތިމާއީ ފޭރާން ވީދި، ހަލާކުވެގެން ދާނެއެވެ. ވީމާ ތުރާސްތަކަށް ސަގާފަތް ކިޔުން ހުއްޓާލައި، ތުރާހާއި ތަރިކަތައް ހިމާޔަތްކުރުމަށް ސަގާފަތް ހިމާޔަތްކުރުމޭ ނުކިޔައި، އަޅުގަނޑުމެންގެ ސަގާފަތާއި މި ސަގާފަތް ކޮންޓުރޯލުކުރުމާއި މި ސަގާފަތް ޙިމާޔަތްކުރުމާމެދު ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅާން ފަށަންވެއްޖެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!