ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި މި ޕްރޮގްރާމް ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ.
މިގޮތުން ސާނަވީ ތަޢުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުޞަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކޮށް، ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''މި ޕްރޮގްރާމް ވެގެންދާނީ، މި ނޭޝަނަލް ސަރވިސްއަކީ، ޤާނޫނެއް ހެދިގެން، އެ ޤާނޫނުން ބާރު ލިބިގެން، އުމުރުން
16 އަހަރު ވުމަށްފަހު، އެ 16 އަހަރު ވެގެން އޯ ލެވެލް ނިންމާފައި، ނޫނީވިއްޔާ ތަޢުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުޞަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއްވެސް ނުލިބޭ ކުއްޖަކުވިއްޔާ، މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ. ބައިވެރިވެގެން މިލިޓްރީ ތަމްރީނު ހޯދަންޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމައި، ފުލް އޮފިސަރަކަށް، ސިފައިންގޭގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ޚިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ.'' ރައީސް މުޢިއްޒު
ތަފާސް ހިސާބުތަކާއި ހަވާލާދެއްވައި ރައީސް ވިދާޅުވީ، ކޮންމެ އަހަރަކުވެސް އޯލެވެލް ސަނަދު ފުރިހަމަ ކުރުމަށްފަހު އެއަށްވުރެ މަތީ ފާހަކަށް ނުކިޔެވި، ނުވަތަ ވަޒީފާއެއް ނެތިފައި ތިބުމަށް 500 އާއި 1000 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް މަޖުބޫރުވާ ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ސަބަބުން އެކަން ބަދަލުވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤާނޫނުން ބާރު ލިބިގެން ހިންގާނެ ޕްރޮގްރާމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދަޢުލަތުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސް (އެންޕީއައި)ގެ ތެރެއިން 400 މިލިއަން ރުފިޔާ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ޚާއްޞަ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު، އިތުރު 400 މިލިއަން ރުފިޔާ އެ ޕާރޮގްރާމަށް އިތުރު ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!