"ޝަހީދުންގެ ހިޔާ"ގެ ނަމުގައި 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމީ ބޭއިންސާފެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
''1979ން ފެށިގެން އަޅުގަނޑު ސިފައިންގެއިން މިއަދު ހިސާބު ހޯދިން. ހޯދިއިރުގައި، އެކިފަހަރު މަތިން ޝަހީދުވެފައިވާ މީހުންގެ ޢަދަދުވެސް އަޅުގަނޑު ހޯދާލާފައިވާނެ. އާދެ، މިގޮތުން ބަލާއިރުގައި، 29 ސިފައިން، މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި، އެކި ހާދިސާތަކުގައި، އަދި ފުލުހުންގެ ދެ މީހުންނާއި، މި ދެންނެވި 11 ޢާންމުންނާ އެކީގައި އެބަތިބި. އެހެން ނަމަވެސް، އެއްވެސް ކަމެއް ނުކޮށްދެވޭ. ސަރުކާރުންނެއް، ޢަމުދުން ފަހަކަށްއައިސް، މި ފަރާތްތަކުގެ އަގުވަޒަންކުރާކަށް އެއްވެސް ކަމެއް ނެތް ކޮށްދީފައެއް. ކުރީގައި ޝަހީދުވާ ޢާއިލާތަކަށް ކޮންމެވެސްވަރެއްގެ ފައިސާގެ އެހީއެއް ދޭ. އެހެން ނަމަވެސް، ފަހަކަށްއައިސް އެކަންވެސް ވަނީ ހުއްޓިފައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށްބޮޑު ބޭއިންޞާފެއް އެއީ،'' ރައީސް މުޢިއްޒު
މީގެ އިތުރުން ޝަހީދުންގެ ޢާއިލާތަކަށާއި، 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގަތް 5 ބޭފުޅުންނާއި، މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެންފައިވާ 10 ބޭފުޅުންނަށް ސަރުކާރުން ޚާއްޞަ އެލަވަންސެއް ދެއްވާނެކަންވެސް މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ. އަދި މި އެލަވަންސް ދެއްވަމުން ގެންދަވާނީ، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުން ކުރާ މި ފަދަ ކަމަކުން، ޝަހީދުންގެ ޖިހާދުގެ އަގެއް ނުދެއްކޭނޭ ކަމުގައްޔާއި ޢާއިލާތަކުގެ ހިތާމަތައް ފިލުވައި ނުދެވޭނޭކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ، ދައުލަތުން، ކުޑަމިނުން، މި ވަރު ކޮށްދޭން ވާނޭކަމުގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!