ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

Ad
rt

ހީނާ ވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި، އެ މުވައްޒަފުންގެ ކުޅުންތެރިކަން އިތުރުކުރުމަށްޓަކައި އައު ނިޒާމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

މި ނިޒާމަކީ ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ވަޒަންކުރާނެ ނިޒާމެއް ކަމަށްވާއިރު، މިކަމަށް ކެބިނެޓުން ރުހުން ދެއްވާފައިވާކަން ވެސް ހީނާ ވަނީ ފާހަގަކުރަށްވާފައެވެ.

މި އައު ނިޒާމަށް ވަރަށް އަވަހަށް ޢަމަލުކުރަން ފަށާނެ ކަމަށް އިސްތަރުޖަމާނު ވިދާޅުވެފައިވާއިރު، މިކަން ވެގެން ދާނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި، ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅޭ އިތުރު ފިޔަވަޅަވަޅަކަށެވެ.

ސަރުކާރުގެ އިގުތިސާދު ރިފޯމް އެޖެންޑާގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ވަކިކުރަން އަންގަވާފައި ވަނީ އޭގެ ހަތް ސްޓޭޓް ވަޒީރުންނާއި 43 ނައިބު ވަޒީރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މި ނިންމެވުމާއެކު ދައުލަތުގެ ބަޖެޓުން މަހަކު 5.714 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް ދައުލަތުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ރައީސް ނިންމެވި މި ނިންމެވުމުގެ ދަށުން މި ވަނީ އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައެވެ.