ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އެންމެ ފުޅާމިނެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ، ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހިކޮށްދެއްވަން ކަމަށެވެ.
''އިރާދަކުރެއްވިއްޔާ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިގެން އެދާ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި. ދިވެހިރާއްޖޭގެ ތާރީޚުގައި، އެންމެ ފުޅާމިނެއްގައި، ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭ ބަޖެޓު. އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ޙަޤީޤަތުގައިވެސް ތަންފީޒު ވެގެންދާއިރު ވާނީ، ބޯހިޔާވަހިކަމުގެ ބަޖެޓަކަށް.''
ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށެވެ. ކިޔަވައިގެން ނުކުންނަނީ ވަޒީފާއެއް އަދާކުރަން ކަމަށާއި، ގިނަ ރައްޔިތުން އުޅެންޖެހެނީ އުޅޭބެ ތަނެއް ނެތުމުން ޢާއިލާ މީހުން އެކުގައި ތަނެއް ކުއްޔަށް ހިފައިގެން ކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ވަނީ ގެދޮރުވެރިކަން ހާސިލުކޮށްދިނުމުގައި މި ބަޖެޓުން ދެ ކަމެއް ފާހަގަކުރަށްވާފައެވެ. މިގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، ފިޒިކަލް ކޮންސްޓްރަކްޝަން، ހައުސިންގ ޕްރޮޖެކްޓްސްތައް، 1.5 ބިލިއަން ރުފިޔާގެ މަސައްކަތް، މިއަންނަ އަހަރު ހިނގާނެ ކަމަށާއި، ގެދޮރު ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''ހަމަ އެއާއެކީގައި، މި އަންނަ ހަފުތާގައި ފަށާ، އަޅުގަނޑު ހަނދާންވަނީ، މިއަންނަ ހަފުތާގައި، ނޫނީ ވަރަށް އަވަހަށް، ނޮވެންބަރު ކުރީކޮޅުގައި ފެށޭނެ، އަޅުގަނޑު ވަޢުދުވީ ފަސް ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގައި ދޫކުރާ ހައުސިންގ ލޯން ސްކީމް.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، އެ ލޯން ސްކީމްގެ ތެރެއިން، އަމިއްލަ ގޯތި އޮތް މީހާގެ ގޯތީގައި، ގެ އެޅުމަށާއި، ހަދަން ފަށައި، ނުނިމިފައި ހުރި ގެ ނިންމުމަށާއި، ނިންމާފައި ހުރި ގެއެއް މަރާމާތު ކުރުމަށާއި، ތިން ކަންތަކަށް ލޯނު ލިބޭނެ ކަމަށެވެ.
''ފަސް ޕަސެންޓް އިންޓްރެސްޓް. އެ ލޯން ސްކީމަށް ބޭނުންވާ އެއް ބިލިއަން ރުފިޔާވެސް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ. އެހެންވީމާ، ގެދޮރުވެރިކަމަށް 2.5 ބިލިއަން ރުފިޔާ.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!