ދައުލަތުގެ މީޑިއާ، ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) އިން، މޯލްޑިވްސް މީޑިއާ ކައުންސިލާ ދެކޮޅަށް މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީއެސްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ހިންގާފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެ ކުންފުނީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވް ކަވަރޭޖު ހިނގަމުންދަނިކޮށް، އެތަނުގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާއި ޚިލާފް އަދި ނޫސްވެރިކަމުގެ އާންމު މިންގަޑާއި ޚިލާފް ވީޑިއޯއެއްގެ ދައްކާފައިވާ ކަމަށެވެ.

އެވޯޑް ލިބޭ ފަރާތްތަކާއި، ކެޓަގަރީތަކާއި ދާއިރާތައް ދުރާލާ މީޑިއާ ކައުންސިލަށް އިނގޭނެ ކަމަށާއި، ޕީއެސްއެމްގެ ލައިވް ކަވަރޭޖްގައި ދައްކާ ފުޓޭޖްތަކަކީ އެ ކުންފުނީގެ އެޑިޓޯރިއަލްއަށް ފެތޭ ކޮންޓެންޓަށް ވާންޖެހޭނެކަމަށް ޕީއެސްއެމުން ބުނެފަވެއެވެ.

''ޕީއެސްއެމް އަށް އެނގުމެއްނެތި ކުއްލިއަކަށް ޙަފްލާ ތެރޭގައި ކުއްލި އަކަށް މި ދެންނެވި ވީޑިއޯ ދެއްކުމަކީ ގަސްދުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލާއި ޚިލާފް ކޮންޓެންޓް ޕީއެސްއެމްއިން ދެއްކުމަށް މީޑިއާަ ކައުންސިލުންކޮށްފައިވާ ކަމެއްކަމަށް ޕީއެސްއެމުން ބުނެފަވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި މައްސަލާގައި ޕީއެސްއެމްގެ ބޯޑުން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އެކުންފުނީގެ މުވައްޒަފެއްކަމަށްވާ އަހްމަދު މުސްތަފާ އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައެވެ. މުސަތަފާ އަކީ އެ ކުންފުނީގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ދައުލަތުގެ މީޑިއާގައި 30 އަކަށް އަހަރު ޚިދުމަތްކުރަށްވާފައިވާ މުސްތަފާ މީޑިއާ ކައުންސިލަށް މުސްތަފާ އިންތިޚާބުކުރީ ޓީވީއެމް ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައެވެ.