ދައުލަތުގެ އެއްވެސް ބާރެއްގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ ކުރައްވާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި މިއަދާ ހަމަޔަށް ކުރެއްވި ކަމެއްވެސް ނޫން ކަމަށާއި އަދި ކުރިޔަށް އޮތް ތާގައި ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ނުފޫޒު ފޯރުވުމުގެ ބަދަލުގައި އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަގަށް ކަންކަން ބައްޓަން ކުރައްވަން ކުރަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް، ގާނޫނާއި ގަވައިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދަވާނެ ކަމަށެވެ.
ްދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން!. އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން…
— Dr Mohamed Muizzu (@MMuizzu) October 29, 2024
އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު ބަދަލުކުރަން މަޖިލީހަށް ހިށަހަޅާފައިވާއިރު، އެ ގާނޫނުގައި ވާގޮތުން ކޮމިޝަނަށް މެންބަރުން އައްޔަންކުރަނީ ރައީސް ބޭނުންވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހަޅާ ފާސްކޮށްގެންނެވެ.
ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!