ކުލަފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތަކެއް މަގުމައްޗަށް ވެއްޓި ފާޓާތައް ފަޅައިގެން ގޮސް މަގުމައްޗަށް ކުލައެޅުމާއި ގުޅިގެން ސިފައިން ނުކުމެ އެތަން ސާފުކޮށްފިއެވެ.
މި ކަމާއި ގުޅިގެން މިރޭ އެކްސްގައި އެމްއެންޑީއެފް އިން ކުރި ޕޯސްޓެއްގައި ބުނީ ކުލަފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތައް ވެއްޓި މަގުމައްޗަށް ކުލައެޅުމާއި ގުޅިގެން، މަގުމަތީގައި ހުރި ކުލަތައް ސާފުކުރުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެވެފައިވާ ކަމަށެވެ.
ޕިކަޕުން ކުލަފާޓާތައް ވެއްޓުމުގެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:18 އެހައިކަށްހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި، މޫންލައިޓް ހިނގުމާ ގުޅޭ ހިސާބުގައެވެ.
އެ ހިސާބުން ދުއްވަމުން ދިޔަ ލޮރީއެއްގައި ހުރި ކުލަފާޓާތަކެއް މަގުމައްޗަށް ވެއްޓި ކުލަތައް މަގުމައްޗަށް ފައިބާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވެއެވެ.
މި ހާދިސާއާއި ގުޅޭ ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ލޮރީން ގިނަ އަދަދެއްގެ ކުލަ ޓައްޕުތަކެއް މަގުމައްޗަށް ވެއްޓި، ގިނަ ޓައްޕު ތަކަކުން ކުލަތައް މަގުމައްޗަށް ފައިބާފައި ހުއްޓާ ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!