ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށް ބާއްވާ "އެފްއާރުސީ ފުޓްސަލް" މުބާރާތް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ. މި މުބާރާތަކީ ހއ، ހދ ޒޯނުގައި ހުރި ފެނަކަ އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މިއަދު ކުޅުދުއްފުށީ ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ފެށި މި މުބާރާތުގައި 9 ރަށަކުން 95 ކުޅުންތެރިން ބައިވެރިވެ އެވެ. މި މުބާރާތުގައި ވާދަކުރާ ރަށްތަކަކީ ވަށަފަރު، ނޮޅިވަރަމް، ނާވައިދޫ، ހަނިމާދޫ، މުރައިދޫ، ބާރަށް، ކުޅުދުއްފުށި، ނޮޅިވަރަންފަރު އަދި އިހަވަންދޫ އެވެ.

މިމުބާރާތް ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި ފެނަކާގެ ޑީއެމްޑީ އިބުރާހިމް ވަހީދެވެ.
އިއްޔެ ބައްދަލު ކުރި ފުރަތަމަ މެޗުގައި ނޮޅިވަރަމާއި ވަށަފަރުގެ މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުންނެވެ. ދެވަނަ މެޗުގައި ހަނިމާދޫ އަދި ނައިވާދޫގެ މެޗުވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއަ ކާމިޔާބުނުވެ 0-0 ގެ ނަތީޖާ އަކުންނެވެ. ނޮޅިވަރަމާއި މުރައިދޫ ކުޅުނުމެޗު 5-0 ގެ ނަތީޖާއަކުން މުރާދޫ ކާމިޔާބުކުރިއިރު ހަނިމާދޫގެ ދެވަނަ މެޗުގައި 7 ލަނޑު ބާރަށުކޮޅަށް ޖެހިއިރު ބާރަށަށް ޖެހިފައިވަނީ 1 ލަނޑެވެ. އިހަވަންދޫއާއި ނޮޅިވަރަންފަރު ބައްދަލު ކުރިމެޗު 1 ލަނޑުން ކާމިޔާބުކުރީ ނޮޅިވަރަންފަރެވެ. ފަހުމެޗުގައި ބާރަށް 3 ލަނޑު ޖެހިއިރު ކުޅުދުއްފުށީގެ ފުރަތަމަ މެޗުން ލަނޑެއް ކާމިޔާބު ނުކުރެވިވަނީ ބަލިވެފައެވެ.

ޗެމްޕިއަން ޓީމަށް 7000 ރުފިޔާ ހުށަހެޅިފައިވާ މިމުބާރާތުގެ ރަނަރަޕް ޓީމަށް 3000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމަށް 1000 ރުފިޔާ ހުށައެޅިފައިވެ އެވެ. އަދި މި މުބާރާތުގައި އެންމެ މޮޅު ހަތަރު ކުޅުންތެރިންނާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ ހޮވާނެ އެވެ.

މި މުބާރާތަކީ ފެނަކަގެ އެމްޑީގެ އިސްނެގުމަކަށް ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އެކި ޒޯންތަކަށް ބަހާލައިގެން ބާއްވާ މިމުބާރާތް މީގެ ކުރިން މާލެ ޒޯނާއި އައްޑޫ ފުވައްމުލަކު ޒޯން އަދި މީމު ދާދު ޒޯނުގައިވެސް ކުރިއަށްގެންގޮސްފައިވެ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުރިއަށްދާނީ މިއަދު ހަވީރު ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!