ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން އެ ރަށުން އެހެން ރަށަކަށް ބަދަލުކޮށްދިނުމުގެ ކަންކަން އަވަސްކޮށްދިނުމަށް އެދިއްޖެއެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެހެން ރަށަކަށް ހިޖުރަ ކުރުމަށް ރައްޔިތުންގެ ގިނަބަޔަކު ބޭނުންވާ، ހިރިމަރަދޫގެ ނެރުތިލަވުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފްތައް ރައްޔިތުންނާއި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މިކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ގުޅުއްވާފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ކައުންސިލްގެ ރައީސް އިތުރަށް އެދިވަޑައިގެންފައިވަނީ ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ރަށު ނެރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ހިރިމަރަދޫ ރައްޔިތުން މާލެ ސަރަހައްދަށް ހިޖުރަކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދަންނަވާފައި ވަނީ މި އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމަށް، ކުރަންމުން އަންނަ މަސައްކަތުގެ ތެރެއިން ލޯކަލް ގަވަރނަންސް މިނިސްޓަރ އާދަމް ޝަރީފްއާއި އެ ރަށު ކައުންސިލުން ބައްދަލުކޮށް އެ ރަށު ރައްޔިތުން ވަޒަންވެރިވާން ބޭނުންވަނީ، ކ. ތުލުސްދޫއަށް ކަމުގައި ސަރުކާރަށް އަންގާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައެވެ. ހިރިމަރަދޫ މީހުންގެ އެ ނިންމުމަށް ތުލުސްދޫއިން ވަނީ މަރުހަބާ ކިޔާފައެވެ.
ހިރިމަރަދޫއަކީ ހދ. އަތޮޅުގެ އެންމެ ކުޑަ އާބާދީ އޮތް ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!