އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ސަލާހް އެވެ. މި ޕެނަލްޓީ ލިވަޕޫލަށް ދީފައިވަނީ ޗެލްސީގެ ކޯލްވިލް އޭރިއާތެރެއިން ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

Ad
rt

ދެވަނަ ހާފު ފެށިތާ ކުޑަ އިރުކޮޅެއްތެރޭ ޗެލްސީން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޮލަސް ޖެކްސަން އެވެ. މި ލަނޑު އޮފްސައިޑް ކަމަށް ލައިންސްމަން ދިދަ ނެގިނަމަވެސް ވީއޭއާރުން ބެލުމަށް ވަނީ އެއީ ރަނގަޅު ގޯލެއް ކަމަށް ނިންމާފައެވެ.

ޗެލްސީން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލުން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ޖޯންސްއެވެ.

ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗުން ސިޓީ މޮޅުވީ ފަހުވަގުތުއެވެ. ސިޓީން މެޗު ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވުލްވްސް އިންނެވެ. މި ލަނޑު 7 ވަނަ މިނެޓުގައި ޖަހައިދިނީ ލާސެންއެވެ. ސިޓީން ނަތީޖާ ހަމަހަމަކުރީ 33 ވަނަ މިނެޓުގައި ގުވާޑިއޯލް ޖެހި ލަނޑުންނެވެ. ސިޓީ މެޗުން މޮޅުވި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ޖަހައިދިނީ ސްޓޯންސްއެވެ.

މިވަގުތު ޕޮއިންޓް ޓޭބަލް އޮތްގޮތަށް ބަލައިލާއިރު އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 8 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ސިޓީއަށް 8 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.